twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފިރުކެންފެށި ދައުރުން ފާހަގަވެގެން އައި މަޝްހޫރު އަދީބު ހުތް އަލި ދީދީ

މުޙައްމަދު އަހުމަދު
Jan 17, 2022

ފިރުކެންފެށި ދައުރުން ފާހަގަވެގެން އައި މަޝްހޫރު އަދީބު ހުތް އަލީ ދީދީ އަކީ ވެސް ދިވެހި ތާރީހު ދުތް މޮޅު ޝާއިރެކެވެ. މިއަދު މި ހިއްސާކޮށްލަނީ ހުތް އަލީ ދީދީއާ ބެހޭ މައުލޫމާތު ކޮޅެކެވެ.

ހުތް އަލީ ދީދީ އަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. ފުރިހަމަ ނަންފުޅަކީ ޢަލީ އިބްނި ޙާއްޖު އިބްރާހީމް އެވެ.

ހުތް ޢަލީ ދީދީ ފާހަގަވަނީ ދިވެހި ބަހުން ފުރަތަމަ ޅެމެއް ހެއްދެވި ޅެންވެރިޔާގެ ގޮތުގަ އެވެ. ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިސްލާހެއް ގެންނަވައި ވަރަށް ތަނަވަސް ދޮރެއް ހުޅުވައި ދެއްވި އަދީބެކެވެ.

ހުތް އަލީ ދީދީ އުފަންވެވަޑައިގަތީ ހިޖުރައިން 1291 ވަނަ އަހަރުގެ ޞަފަރު މަހުގެ 3 ވަނަ އަށް ވީ ހޮނިހިރު ދުވަހުއެވެ. އޭނާ އަކީ ދިވެހި ބަހުގެ އަދީބެކެވެ. މުގައްރިރެކެވެ. ޝާއިރެކެވެ.

ހުތް ޢަލީ ދީދީގެ ބައްޕާފުޅަކީ ޏ. ފުވައްމުލަކު ހުތް އަޙްމަދުދީދީގެ ދަރިކަލުން އަލްޙާއްޖު ހުތް އިބްރާހީމް ދީދީ އެވެ. މައިކަނބަލަކީ ޅ.ނައިފަރު ކޮރު ޙަސަންގެ (ފާތިމަތު) ސަންފަ އެވެ. އުފަން ރަށަކީ ޅ. ނައިފަރު އެވެ.

ހުތް ޢަލީ ދީދީ އަކީ އިންޑިޔާ އިން އަރަބި، ފާރިސީ، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި މައުލަވީ އެކެވެ. އާލިމެކެވެ. ދައުލަތުން އެކަމަށް ހުއްދަ ދެއްވުމާއެކު، މާލޭގެ މައިޒާން ތަކާއި، މިސްކިތް ތަކުގައި ދީނީ އިރުޝާދު ދެއްވާ އުޅުއްވި މުރުޝިދެކެވެ. ދައުލަތުގެ ހުއްދައާއެކު އާންމުންނަށް ދީނީ ނަސޭހަތް ދެއްވުމަށް ފުރަތަމަ ވައުޒު ވިދާޅުވި ބޭފުޅަކީ ވެސް ހުތް އަލި ދީދީ އެވެ.

ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީދީދީ ނުވަތަ މަޝްހޫރު ޖަލާލުއްދީނަކީ ހުތް ޢަލީ ދީދީގެ ދަރިކަލެކެވެ. ޖަލާލުއްދީނަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީ ދީދީ އަލްއަޒްހަރީ (ޖަލާލުއްދީން ޝައިޚުލް އިސްލާމް) އަކީ ހުތް އަލީ ދީދީގެ ދަރިކަލެކެވެ.

އަވަހާރަވެ ފަސްދާނުލެވުނީ ހއ. ހޯރަފުށީގައެވެ. އެރަށު ކުޑަ މިސްކިތް ދޮށުގައި އޭނާގެ މަހާނަފުޅުވެ އެވެ. އޭގައިވާ ގޮތުން އަވަހާރަވީ 11 ޖުމާދިލް އާޚިރާ 1351 ވީ އަންގާރަ ދުވަހު އެވެ. އޭރު އުމުރުފުޅަކީ ހިޖުރީ ގޮތުން 60 އަހަރު އެވެ.

ތަޢުލީމީ ހަޔާތް:

ހުތް އަލީ ދީދީގެ ތައުލީމީ ހަޔާތްޕުޅަށް ބަލާއިރު އެމަނިކުފާނަކީ އިންޑިޔާ އިން އަރަބި، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. މާލޭގެ މިސްކިތްތަކާއި އެނޫންވެސް ތަފާތު ތަންތަނުގައި ހުތްއަލީ ދީދީ ވަނީ ދީނީ ތައުލީމު އުނގަންނައި ދެއްވުމުގައި އުޅުއްވާފައެވެ.

ތާރީހީ ބައެއް ފޮތްތަކުގައިވާ ގޮތުން ދައުލަތުގެ ހުއްދަ އާއެކު އެންމެ ފުރަތަމަ އާންމުންނަށް ދީނީ ނަސޭހަތް ދެއްވި ބޭފުޅަކީވެސް ހުތް ޢަލިދީދީ އެވެ.

ޅެންވެރިކަން:

ދިވެހި ތާރީހުން އެނގެން އޮތް ގޮތުގައި އެންމެ ފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވީ ހުތް އަލީ ދީދީ އެވެ. ހުތްއަލީ ދީދީ އެންމެ ފުރަތަމަ ޅެން ހެއްދެވީ ކޮންތާރީހެއްގައި ކަމެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެމަނިކުފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ކަމަށް ތާރީހުން އެނގެން އޮތތީ އެންމެ ފުރަތަމަ ދިވެހި ޅެން ހެދިފައިވާނީ ހިޖުރީ 14 ވަނަ ޤަރުނުގެ ކުރީކޮޅުގެ އަހަރެއްގައިކަމަށް ބެލެވެއެވެ. ޅެންވެރި ކަމުގެ ތެރެއިން ހުތް އަލީ ދީދީ އަކީ ރައިވަރު ހެއްދެވުމުގައި އަރާހުންނެވި ޝާޢިރެކެވެ.

އެންމެ ފުރަތަމަ ދިވެހި ޅެމުގެ ފުރަތަމަ ދެބައިތު އޮތީ އަރަބި ބަހުންނެވެ. ރައިވަރު ހަދަމުން އައި ވަޒަނާ ހިލާފަށް ޅެން ވަޒަނުގެ މައްޗަށް ހެދުނު ފުރަތަމަ ދިވެހި ޅެން ހެދިފައިވަނީ އަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނަކަށެވެ. އޭގެފަހުން އެތައް ޒަމާނަކަށްފަހު މިޒަމާނުގައިވެސް ދިވެހި ޅެން ގިނައިން ހަދަާ އުޅެނީ މިފަދަ ވަޒަން ތަކަށެވެ.

ދިވެހިބަހުން ދެވަނައަށް ހެދުނު ޅެމަކީ ވެސް ހުތް އަލީ ދީދީގެ ޅެމެކެވެ.

ތާރީހީ ފޮތްތަކުން އެނގޭ ގޮތުގައި ހުތްއަލީ ދީދީ ދިވެހި ބަހުން ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް އަދީބުން މިފަދަ ޅެންތައް ހައްދަވަން ފެއްޓެވި އެވެ. އޭގެ ތެރެއިން ތާރީހީގޮތުން ފާހަގަކުރެވިފައިވާ ބޭފުޅުންނަށް ބަލާލާއިރު ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލީ ދީދީ ފަދަ ބޭފުޅުން ހިމެނެ އެވެ.

ދިވެހި ޅެން ވައިގައި ހިފައި ޅެންހެދުމުގެ ފޯރި އުފެދިގެން ދިޔަކަމަށްވެ އެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވިކަމަށް ވަނީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ޅެންތަކުގެ ތެރޭގައި “ފާތިމަތުގެފާނުގެ ޅެން” “ހުސައިނުގެފާނުގެ ޅެން” މިފަދަ އެތައް ޅެންތަކެއް ފާހަގަ ކޮށްލެވެ އެވެ.

ފުރަތަމަ ޅެން:

ރައްބީ މިހެން ކުރައްވަތެވަޙީ، ގުރުއާނުގައި މާގަދަ ހުކުމް
އާދަމް ދަރިންނާ އެންމެ ހައި ތަކު ހެއްދެވީ ނީނާއި ޖިން

ނޫނޭ އެހެން ކަމަކަށްޓަކައި އަޅުކަންކުރާށޭ ދީނުގައި
ގާއިމް ވެދާނދޭ އެކަމުގައި އެކަމަށްޓަކައި ހިނދު ހެއްދެވީ

ޝައްކެއްނެތޭ ގުރުއާންގައި މާގަދަކުރެއްވި ހުކުމޭ މިއީ
ހީކޮށް ނުރައިބެއް މިކަމުގައި ނެތަމޭ ވެދާނާ ތަބަޢަވީ

ލިބިވަޑައިގެންނެވި ބޭފުޅުން:

ޢަބުދުﷲ ފަހުމީ ދީދީ، ޙުސައިން ފަހުމީ ދީދީ، ޙައްވާ ދީދީ، އާމިނަތު ދީދީ. އިބްރާހީމް ދީދީ، ޢާއިޝަތު ދީދީ، ޢަބުދުﷲ ދީދީ (އުފަންވެފައި އަވަހާރަވީ)، ޚަދީޖާ ދީދީ، ދޮންދީދީ، މުޙައްމަދު ދީދީ، އަހުމަދު ދީދީ، ހާޖަރާ ދީދީ، ރުޤިއްޔާ ދީދީ،
ފާޠިމަތުދީދީ (ތުއްޕުޅު އިރު އަވަހަރާވެފައި).

މީގެ ތެރެއިން ޖަލާލުއްދީނު (ޢަބްދު ﷲ ފަހުމީދީދީ)ގެ މަންމަ ނައިފަރެވެ. ދެން ތިއްބެވި 5 ބޭފުޅުންގެ މަންމައަކީ މުޙައްމަދު ހާޖީގެ ފާތިމައެވެ. އަނެއް އަށް ބޭފުޅުންގެ މަންމައަކީ މުޙައްމަދު ހާޖީގެ އައިސަައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355