މަސްދަރު ހާމަކުރަން ޖެހޭ މައްސަލައާ ގުޅިގެން, އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖައާކޮށް ބިލަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ބާރުދޭ މާއްދާ ހިމެނީ ގާނޫނުުއަސާސީގެ 28 ވަނަ މާއްދާއިން ދީފައިވާ މިނިވަންކަމާއި އެެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމަށް ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ކަންތައްތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ ހާލްތްތަކަށް ވެސް، އެމާއްދާ ހިމެނުމުގައި ރިއާޔަތްކޮށްފައި ވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ހެއްކާ ބެހޭ ބިލު ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.
ހެއްކާ ބެހޭ ބިލުގެ އެ މާއްދާ ބަދަލުކުރެވިދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވިދާޅުވި އެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ އިސްކަންދޭ ކަމަކަށް ވާން ޖެހޭނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަން ކަން ދަމަހައްޓަން ކަމަށެވެ.
Noting concerns expressed by media freedom and human rights groups about the Evidence Bill in Majlis: The feature relating to journalists is based on an Australian model but the AG feels that it can be amended. Press freedom in Maldives must be our first priority always.
— Mohamed Nasheed (@MohamedNasheed) September 28, 2021
އެހެންނަމަވެސް، އޭޖީން ބުނީ ހެއްކާބެހޭ ބިލުގައި ހިމެނޭ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖަޢާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުޙަލާގައި ކުރިއަށްގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސްކުރަމުންދާ, ހެއްކާބެހޭ ބިލުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރުކުރެވިދާނެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމުގެ މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.