ޕްރިމިއާ ލީގުގައި މިރޭ ކުޅެވުނު މެޗުތަކުގެ ތެރެއިން ޗެލްސީއާއި ސައުތްހޭމްޕްޓަން ބައްދަލުކުރި މެޗު 3 - 1 ން ކާމިޔާބުކޮށް ޗެލްސީ ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ޗެލްސީ 3 - 1 ން ސައުތްހޭމްޕްޓަންގެ މައްޗަށް ކުރިހޯދިއިރު ޗެލްސީގެ ލަނޑުތައް ޖަހައިދިނީ ޓްރެވޯ ޗަލޮބާ އާއި ޓިމޯ ވާނާގެ އިތުރުން ބެން ޗިލްވެލް އެވެ. ސައުތްހޭމްޕްޓަންގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޭމްސް ވާޑް-ޕްރޯސް އެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ސައުތްހޭމްޕްޓަންގެ ވާޑް-ޕްރޯސް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ސައުތްހޭމްޕްޓަނުން މެޗު ނިންމާލީ އެންމެ 10 ކުޅުންތެރިންނާއެކު އެވެ.
ޕްރިމިއާ ލީގުގެ އަނެއް މެޗުގައި މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރިއިރު އެމެޗު ނިމިގެންދިޔައީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ. 43 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބުރޫނޯ ފަނާންޑޭޒް ދިން ބޯޅައަކުން އެންތަނީ މާޝަލް އެވެ.
މެޗުގައި އެވަޓަންއިން ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން ޔުނައިޓެޑްގެ ލަނޑަށް ފަހު ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 65 ވަނަ މިނެޓުގައި އެވަޓަންއަށް އެއްވަރުކޮށްދިނީ އެޓީމުގެ އެންޑްރޮސް ޓައުންސެންޑް އެވެ.
މިރޭގެ މޮޅާ އެކު ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތްއިރު ހަ މެޗުން ހޯދި 14 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ލިވަޕޫލްއެވެ. އަދި ތިންވަނައިގައި އޮތް ޔުނައިޓެޑަށް ވެސް ލިބިފައިވަނީ ހަމަ 14 ޕޮއިންޓެވެ.