ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ސުޕްރީމުން ކޯޓުން ބާތިލްކޮށްފި އެވެ.
2016 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން އާއްމު ކުރި ނަންބަރު 2016/03 އާންމު ސިޓީ ބާތިލްކުރީ މިއަދުގެ ވަގުތެއްގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ އެކޯޓުން އާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ބައެއް ނިންމުންތަކަކީ މިހާރު އަމަލުނުކުރެވޭ ނިންމުންތަކަކަށްވުމުން އެކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ވަނީ އުމުރު ބަދަލުކުރުމާއި ގުޅޭ ގޮތުން ނެރެފައި އޮތް އާއްމު ސިޓީ ބާތިލްކޮށްފައި ކަމަށެވެ.
2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އުސޫލު ބުނާ ގޮތުން އުފަން ތާރީހް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލާނީ (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން) އުފަންތާރީހް އަންގައިދޭ ރަސްމީ ލިޔުމަކަށެވެ.
އެހެންނަމަވެސް ރަސްމީ ލިޔުމެއްގައި އޮތް އުމުރަކީ އަސްލު އުމުރު ނޫންކަމަށް ސަލާމަތް ބުއްދިއަށް ގަބޫލުކުރެވޭނަމަ (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ އުމުރު ދޮށިވުން ނުވަތަ މައިންބަފައިންނާ ދަރިފުޅުގެ އުމުރު ދާދި އެއްވަރުވުން) އެފަދަ މައްސަލައެއްގައި އުމުރާބެހޭ ގޮތުން ގޮތެއް ނިންމާނީ އުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބަށް ރިއާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހުން ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންވާނީ އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން އެ މައްސަލައެއްގެ ބާވަތަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހު އޭނާ ރަށްވެހިވެފައިވާ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިނޫނަސް މިފަދަ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަކުރެވިފައިވާ އިދާރާތަކަށް އުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މަޢުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށްފަހު އެ ލިބުނު މައުލޫމާތަކަށާއި އަދި މިނޫނަސް ކޯޓުން ގަބޫލުކުރާ ރަސްމީ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް އުސޫލުގައި ބަޔާންކޮށްފައި އޮވެ އެވެ.