twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑާއި ދިރާގު ޓީވީ ފޯރުކޮށްދޭން ފަށިފި

ޚަދީޖާ އާދަމް
Oct 3, 2021

ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފި އެވެ. މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު އެގްރީމެންޓްގައި ސޮއި ކުރެއްވިއެވެ.

މި ހަފުލާގައި ދެ ކުންފުނީގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައިއެވެ. އެގްރީމެންޓުގައި ސޮއި ކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ވަނީ ބައްދަލުކުރައްވާފައިއެވެ.

މީގެ އިތުރުން ފަސޭހަކަމައިއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޙިދުމަތަށް އެދިލެއްވުމަށް ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީޔާ ފްލެޓް ސަރަހައްދުގައި މިއަދު 18:00 ވަންދެން ހަރަކާތްވަމުން ދާނެއެވެ. އަދި މާދަމައިން ފެށިގެން 10 އޮކްޓޯބަރ ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ހަރަކާތްތެރިވަމުން ދާނެއެވެ.

ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެޗް.ޑީ.ސީ އާ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއްކަމަށާއި އެޗް.ޑީ.ސީ އާއެކު މި ވެވުނު އެއްބަސްވުމާއެކު އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ކަސްޓަމަރުންނަށް ދޭޚިދުމަތްތަކަކީވެސް މާލޭގެ އެހެންސަރަޙައްދު ތަކެކޭ އެއްގޮތަށް އެންފެންވަރެއްގައި، އަގުގެ ތަފާތެއްނެތި، އެއްއަގެއްގައި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަޤީންކުރުންކަމަށެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ އެމް.ޑީ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޔަށް ދިރާގު ވެގެން ދިޔުމާކީ ވަރަށް އުފާކުރާކަމެއް ކަމަށާއި ދެ ކުންފުނީގެވެސް އަމާޒަކީ މުޖުތަމައުގައި ވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމަށެވެ. އަދި މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ "ސްމާޓް ސިޓީ" އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދިރާގާއި އެޗްޑީ.ސީއަކީ ސަރުކާރު ހިއްސާވާ ދެ ކުންފުންޔަށް ވީ ހިނދު، މި ދެކުންފުނިވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމަޢުތައް ބިނާ ކޮށް ތަރައްގީ ކުރުމެވެ. އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ހިދުމަތް ދޭންފެށި ކުންފުނިތަކައިއެކު ދިރާގުގެ ޙިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. އަދި މިއާއެކު މިހާރު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ 50،000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ހިދުމަތައްތައް ދަނީ ފޯރުކޮށްމުންނެވެ.

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތައްތަކެއް ފޯރުކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355