އދ. ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އަރުވައިފި އެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބަކީ ގައުމީ އަދި ބައިނަލްއަގްވާމީ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ މަތީ އިއްޒަތެކެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރެއްގައި އިއްޔެ ވަޑައިގެންނެވި ޝާހިދަށް ދައުލަތުގެ އިއްޒަތް އެރުވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގަ އެވެ.
ޝާހިދަށް އިއްޒަތުގެ ލަގަބު އަރުވަން ރައީސް ނިންމެވީ، ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ އަށް ހޯދައި ދެއްވި ފަހުރާއި ހާރިޖީ ދާއިރާގެ ކުރިއެރުމަށްޓަކަ އެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ރީތިކޮށް ރާއްޖެ އަށް ކުރާ އިތުބާރު ރަނގަޅު ކުރުމަށް ޝާހިދު ދެއްވާ ހާއްސަ އަހަންމިއްޔަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސްގެ ގަރާރުގައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝާހިދުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ.
ބައިނަލްއަގްވާމީ މުޖުތަމައުއާ މުޅިން އެކަހެރިވެފައި އޮތުމަށް ފަހު މިއަދު މުޅި ދުނިޔޭގެ އިތުބާރާއި ލޯބި ލިބި އަދި އިސްވެ ބަސް ބުނުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
އަބްދުﷲ ޝާހިދުގެ ހާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ގައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ އާއި ޗައިނާ އާއި ޖަޕާން އާއި ސައުދީއަރަބިޔާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.