twitterviber whatsapp telegramfacebookyoutube instagram
18th May 2024

އަންހެނުން ޤައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ: ފަސްޓް ލޭޑީ

ނަބީލާ އިސްމާޢީލް
Oct 9, 2021

އަންހެނުން ޤައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އދ.ގެ އާޢްމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުން ޢާއިޝަތު ސުއިޒާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ރައީސް އަނބިކަނބަލުން ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ގައުމަކަށް ލިބޭ ޝަރަފަކާއި ފަހުރެއްގެ ފަހަތުގައި އެތައް ބައެއް އަދި ހާއްސަގޮތެއްގައި އެތައް އަންހެނެއްގެ ރޯލު ވާނެކަން ފާހަގަކުރައްވާފައެވެ.

ދިވެހި ޤައުމަށް ލިބުނު މި ޝަރަފާއި، ޢާންމު މަޖިލީހުގެ ރައީސްގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމުގައި ފާހަގަކުރައްވައި، ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި އަންހެން ދަރިޔެއްގެ ޙައިޞިއްޔަތުން އެކަމާ އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ފަޒްނާ އަޙްމަދު ވިދާޅުވިގޮތުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ކާމިޔާބީ ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ ސުއިޒާ ފަދަ ޚިދުމަތްތެރި އަންހެން ބޭފުޅުންގެ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހޭ ދަނޑިވަޅެކެވެ.

ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަނީ ހަމައެކަނި އޮފީސް މާޙައުލުގައި ނޫންކަމަށާއި، ދިރިއުޅުމުގެ ވަކި ހިސާބަކުން ދެމަފިރިންކުރެ އެކަކު ގޭގައި ތިބެން އިޚްތިޔާރުކުރާއިރު ގިނަ ފަހަރު އެކަން ކުރަނީ އަންހެނުންކަމުގައި ކަން ފާހަގަ ކުރައްވާ އެގޮތުން، އަންހެނުން ޤައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ ޢަދަދު ނުކުރެވޭނެ ކަމަށާއި، ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ގެ އުންމީދީ ރިޔާސަތަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާކަމަށާއި، ޚާއްޞަކޮށް މުޅި ދުނިޔެ ކޮވިޑްގެ މި ޙާލަތުން އަރައިގަތުމުގައާއި، އަންހެނުންނަށް ދިމާވާ ތަފާތު ކަންކަމަށް އިސްކަންދެއްވައިގެން އަންހެނުން ބާރުވެރިކުރުވުމާއެކު އަންހެނުންގެ ޙައްޤުތައް ރައްކާތެރިވާނެ އުޞޫލަކުން މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެކަމަނާއާ ބައްދަލުކޮށްލެއްވުމަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާކަމުގައި ވިދާޅުވެ ޝުކުރުއަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355