ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ބީއެމްއެލްގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްދެމުންދާ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ހަރަކާތްތައް ހިންގުމަށް ނިންމައިފިއެވެ.
މިގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ތިބާ ސައިކޮލޮޖީ، ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) އަދި އިންސްޓްޓިއުޓް އޮފް މެންޓަލް ވެލްބިއިން (އައި.އެމް.ޑަބްލިއު.ބީ) އާ ގުޅިގެން ގަވައިދުން ކޮންސަލްޓޭޝަން އަދި ކައުންސިލިންގ ހިދުމަތް ބީއެމްއެލްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އެމްއޯޔޫއެއް ގައި ސޮއިކޮށްފައެވެ.
މި ޕްރޮގްރާމުގެ ދަށުން، ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ ކޮންސަލްޓޭޝަން ސެޝަންތަކަށް ހޭދަވާ ހަރަދު ބޭންކުން ހަމަޖައްސައިދޭނެއެވެ. އަދި ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް މިދާއިރާގައި ފާހަގަކޮށްލެވޭ ފަންނީ ފަރާތްތަކުގެ އެހީ ހޯދުމަށް ބާރުއަޅާނެއެވެ. އަދި މިފަރާތްތަކާ ގުޅިގެން، ދަރިންތަރުބިއްޔަތު ކުރުމާއި، ވޯކް ލައިފް ބެލެންސްގެ އިތުރުން ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ސެޝަންތަކެއްވެސް ބާއްވަންވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ " އަޅުގަނޑުމެންގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަސޭހައިން ލިބޭނެ ހިދުމަތްތަކާއި ބޭނުންވާ ފަރުވާ ހޯދުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތްތަކަކާއެކު ޕާރޓްނާޝިޕް ހެދޭކަމީ އަޅުގަނޑުމެން ލިބޭ އުފަލެއް. މުޅި ދުނިޔެއަށް ބަލާލާއިރުވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން މިއަންނަނީ ފާހަގަވަމުން. އަދި ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް މިވަނީ ނުހަނު ބޮޑު އަސަރެއްކޮށްފައި. އެހެންކަމުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏަކަށްވުމާއެކު، ބޭންކުން މިކަމަށް އިސްނަގައި މިއަދު މިފަދަ މުހިންމު ފިޔަވަޅެއް އެޅުމަކީ ނުހަނު މުނާސަބުކަމެއް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން އޮފީސްތަކާއި އިދާރާތަކުންވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން."
އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.