އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ކައުންސިލް އިދާރާއާއި އެމްއެންޑީއެފް ނޮދަން އޭރިޔާ ގުޅިގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ގޮތުން އޮޑިވެރިންނަށާއި މަސްވެރިންނަށް މައުލޫމަތު ދިނުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
ރޭގައި އޮތް މިބައްދަލުވުން ކުރިއަށް ދިޔައީ މަތި އުތުރު ގައުމީ އިދާރާގެ ޖަލްސާ ކުރާމާލަމުގައެވެ. ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓް ގާރޑް ޝިޕް ޣާޒީގެ ކޯމާންޑިން އޮފިސަރ ފަސްޓް ލެފްޓިނަންޓް އަހްމަދު ފާތިހް ވިދާޅުވީ މި ބައްދަލުވުމަކީ ކޯސްޓް ގާޑުން މަސްވެރިންނަށާއި އޮޑި ދޯނި ފަހަރު ގެންގުޅުއްވާ ބޭފުޅުންނަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގުރާމެއްގެ ދަށުން ބޭއްވި ބައްދަލުވުމެކެވެ. އަދި މިފަހަރު މިޕްރޮގުރާމް ކުޅުދުއްފުށީގައި ކުރިއަށް މިގެންދެވެނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އެދުމުގެ މަތިން އެމްއެންޑީއެފް ނޮދަން އޭރިޔާއާއި ގުޅިގެން ކަމަށެވެ.
މިޕްރޮގްރާމްގެ ދަށުން މަސްވެރިންނާއި އޮޑިވެރިން އެކަނި ފަޅުން ބޭރަށް ނިކުންނަ މައްސަލައާއި ކަނޑުމަތީގެ އެހެނިހެން ހާދިސާތަކާއި ބެހޭގޮތުން މައުލޫމާތު ދިނެވެ. އަދި ދަތުރަށް ފުރާއިރުވާންޖެހޭ ތައްޔާރީތަކާއި ދިމާވެދާނެ ހާދިސާތަކާއި އެހާދިސާތަކުން ސަލާމަތް ވެވޭނީ ކިހެނެއްކަން ވެސް ޕްރޮގްރާމްގައި ކިޔާދެއްވައެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ފާތިހް ވިދާޅުވީ އެމްއެންޑީއެފް ނޮދަން އޭރިޔާގައި ކުޅުދުއްފުށީގައި ތިއްބަވާ ކޯސްޓްގާރޑް ދާއިރާގެ ބޭފުޅުންނޫން އެހެން ސިފައިންގެ ބޭފުޅުންނަށް ޓްރެއިނިންގ ދަ ޓްރެއިނާޒްގެ ގޮތުގައި އިއްޔެ މައުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގެވުނުކަމަށެވެ. އެއީ އެބޭފުޅުންގެ ފަރާތުން ރަށުގެ އެހެން ފަރާތްތަކަށް އެމައުލޫމަތުތައް އަންގައިދީ ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގާނެއެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ރައީސް ޖަމްޝީދު މުހައްމަދު މިނޫހަށް މަޢުލޫމަތު ދެއްވަމުން ވިދާޅުވީ ކުރިއަށް މިއޮތީ ހުޅަގު މޫސުމްކަމަށް ވުމާއެކު އޮޑި ދޯނި ފަހަރު ގެންގުޅުއްވާ ބޭފުޅުންނަށާއި މަސްވެރިންނަށާއި ސްކޫލު ކުދިންނަށް އަމާޒްކޮށް އެމްއެންޑީއެފް ނޮދަން އޭރިޔާއާއީ ކޯސްޓްގާރޑްގެ އެހީތެރިކަމާއިއެކު ކަނޑުމަތީ ދިމާވެދާނެ ހާދިސާ ތަކާއި އެހާދިސާ ތަކުން ސަލާމަތް ވެވޭނެގޮތްތަކައި ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި މިކަމާ ބެހޭގޮތުން ހޭލުންތެރިކުރުމަށް މިއީ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމެކެވެ..
މިޕްރޮގުރާމްތަކުގައި މަޢުލޫމަތު ދެއްވަނީ ކޯސްޓް ގާޑް ޝިޕް ޣާޒީގެ ކޮމާންޑިންގ އޮފިސަރ އަހްމަދު ފާތިހުއާއި އެގްޒެކްޓިވް އޮފިސަރ ފަސްޓް ލެފްޓިނެންޓް ހަސަން ސިނާނުއެވެ.