twitterviber whatsapp telegramfacebookyoutube instagram
2nd January 2026

ޓީއެމްއޭއިން "ސީޕްލޭން ކޮމްޕެނީ ގްލޯބަލް އެވޯޑް" ކާމިޔާބުކޮށްފި

ޚަދީޖާ އާދަމް
Oct 13, 2021

ވޯލްޑް ލަގްޒަރީ އެވޯޑްސް 2021ގެ އެންމެ ފަހުރުވެރި އެއް އެވޯޑުކަމަށްވާ ސީޕްލޭން ކޮމްޕެނީ ގްލޯބަލް އެވޯޑް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)އިން ކާމިޔާބުކޮށްފިއެވެ.

ޓީއެމްއޭއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭން އޮޕަރޭޓްކުރަމުން އަންނަ ކުންފުންޏެވެ. ޓީއެމްއޭއަށް މި އެވޯޑް ދީފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު މޯރިޝަސްގެ ޓްރޯ އޯކްސް ބީޗެސް ބީޗްކޮމްބާ ގޮލްފް ރިސޯޓް އެންޑް ސްޕާގައި އޮތް ގާލާ ނައިޓެއްގައެވެ.

ވޯލްޑް ލަގްޒަރީ އެވޯޑަކީ ބައިނަލްއަގްވާމީ ގޮތުގައި ފާހަގަކޮށްލެވޭ ފެންވަރެއްގައި ދޭ އެެވޯޑެކެވެ. އަދި އެންމެ ރަނގަޅު ހިދުމަތްތައް ދެމުން އަންނަ ކުންފުނިތަކުގެ އަގު ވަޒަންކޮށް ހިދުމަތް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑާއެކު ފަތުރުވެރިންގެ މެދުގައި އެ ކުންފުނީގެ ހިދުމަތްތަކާ މެދު އޮންނަ އިތުބާރު އިތުރުވާނެކަމަށް އުންމީދުކުރާ ޓީއެމްއޭއިން ބުންޏެވެ. އެ ކުންފުނީގެ ސީޕްލޭން ފްލީޓުގައި މިވަގުތު 56 މަތިންދާ ބޯޓު އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ރާއްޖޭގެ އެންމެ ނަން ހިނގާ 80 އަށްވުރެ ގިނަ ރިސޯޓަށް ޓީއެމްއޭއިން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

މި އެވޯޑު ދެނީ ވަކިވަކި ގައުމުތަކަށާއި ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުންނެވެ. އެވޯޑު ލިބޭ ފަރާތެއް ހޮވަނީ ފަތުރުވެރިންނާއި ދާއިރާގެ ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355