އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ނިމުމަކާ ހަމައަށް އައިސްފައިވާއިރު މިމުބާރާތުުގެ އެންމެ ފަހު މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. ކުރިއަށް ހުރި މެޗުތަކަކީ ހުސްވެސް މަރުގެ މެޗުތަކެކެވެ.
މިއަދު ހަވީރު 4 ޖަހާއިރު ގަލޮޅު ދަނޑުގައި ބަންގްލަދޭޝްއިން ނޭޕާލާ ދެކޮޅަށް ނުކުންނައިރު ބަންގްލަދޭޝް ފައިނަލަށް ދަތުރުކުރަން ބޭނުންނަމަ މިމެޗުން މޮޅުވުން އެޓީމަށް މަޖުބޫރެވެ. ނަމަވެސް މިމެޗު އެއްވަރުކޮށްލައިގެން ވެސް ނޭޕާލަށް ފައިނަލަށް ދެވޭނެ އެވެ.
ދެވަނަ މެޗުގައި މިރޭ 9 ޖަހާއިރު ނުކުންނާނީ މިމުބާރާތުގެ އެންމެ ކާމިޔާބު ދެޓީމެވެ. މިރޭ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާއިރު ފައިނަލަށް ދާން ބޭނުންނަމަ އިންޑިއާއަށް ރާއްޖޭގެ އަމިއްލަ ދަނޑުގައި ރާއްޖެ ބަލިކުރަން މަޖުބޫރެވެ. ނަމަވެސް ރާއްޖެއަށް މިމެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ.
މިމެޗު ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ސަރަހައްދުގެ އެންމެ މޮޅު ދެކުޅުންތެރިން އެކަކު އަނެކަކާ މިރޭ ކުރިމަތިލާނެ އެވެ. އިންޑިއާގެ ލެޖެންޑް ސުނިލް ޗެތްރީ އާއި ރާއްޖޭގެ ފަހުރު އަލީ އަޝްފާގު، މިދެ ކުޅުންތެރިން އެކަކު އަނެކަކާ ދެކޮޅަށް ނުކުތުންވެސް ވެގެންދާނީ މިމެޗު ހޫނުވާ އެއްސަބަބަށެވެ. ގިނަ ބަޔަކު ބުނާގޮތުގައި މިމެޗުން އެންމެ މޮޅު ކުޅުންތެރިޔާ ހާމަވެގެންދާނެ ކަމަށެވެ.
ރާއްޖެ-އިންޑިއާ މެޗަށް ޓިކެޓް ހޯދުމަށް ދިވެހިން ވަނީ އެއްދުވަސް ކުރިން ކިއު ހަދާފަ އެވެ. އަދި ޓިކެޓް ދޫކުރަން ފެށިތާ 3 ގަޑިއިރުގެ ތެރޭގައި އާންމުންނަށް ދޫކުރި 3000 ޓިކެޓް ވަނީ ހުސްވެފަ އެވެ.
2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާ ބަލިކޮށް ރާއްޖެ ހޯދި އެވެ. ނަމަވެސް މިހާތަނަށް ނިމުނު 12 މުބާރާތުގެ ތެރެއިން ހަތް މުބާރާތުގެ ތަށި އިންޑިއާއިން ވަނީ ހޯދާފަ އެވެ. ނަމަވެސް މިރޭ ރާއްޖެއިން އިންޑިއާގެ މައްޗަށް ކުރިހޯދައިފިނަމަ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ފަަހަރުން އެއް ފަހަރު އިންޑިއާއިން ތަށި ހޯދަމުން އަންނަ އިންޑިއާގެ އެ ރެކޯޑަށް ނިމުން އަންނާނެ އެވެ.
އެއާއެކު 2003 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާ ނެތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަކަށް މިފަހަރުގެ ފައިނަލް ވާޏެ އެވެ.
މިމެޗުތައް މިހާ އިންޓެންސް ހާލަތަށް ގޮސްފައިވާއިރު މިއަދު ވަރަށް ފޯރިގަދަވާނެ އެވެ. ކޮންމެ ޓީމަކުން ވެސް ލެޔަށް ކުޅޭނެއިރު އެއްވެސް ޓީމަކުން ދުލެއް ނުދޭނެ އެވެ. ވަރުގަދަ މެޗުތަކެއް ކުރިއަށް ހުރިއިރު ސަޕޯޓަރުން ވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.