twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ގާނޫނީ ކޮލަމް: ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅަނީތަ؟

Oct 14, 2021

ކޮންމެ ވިޔަފާރިއެއްގައިވެސް ވާދަވެރިކަމަކީ މުހިއްމު ކަމެކެވެ. ވިޔަފާރީގައި ވާދަވެރިކަމަކީ، އެވިޔަފާރިއެއް ކުރިއެރުވުމަށާއި، ފޯރުކޮށްދޭ މުދާ ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއެޅޭ ފަދަ ކަންކަމަކީ މަދުންނަމަވެސް ފާހަގަކުރެވޭ ކަންކަމެވެ. ނަމަވެސް މިނިޔަތުގައި ކުރާ ބައެއްކަންތައްތަކާއި ފިޔަވަޅުތަކަކީ، މިހާރު ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްނޫނެވެ.

ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ޢަމަލުތައް

އެއް ވިޔަފާރިއެއް ކުރާ ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަފަރާތްތައް އެކުވެގެން، އެ މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ މާރކެޓްގެ ވާދަވެރިކަން ނައްތާލުމަށްޓަކައި ނުވަތަ ވާދަވެރިކަމަށް ހުރަސްއެޅުމަށް ނުވަތަ ވާދަވެރިކަމަށް ނޭދެވޭ ނުފޫޒެއް ފޯރުކުރުމަށްޓަކައި، އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ.

މިގޮތުން، ވިޔަފާރީގެ ވާދަވެރިކަން ނައްތާލުމަށް ނުވަތަ ވާދަވެރިކަމަށް ނޭދެވޭ އަސަރެއްކޮށްފާނެ ގޮތަކަށް ވިޔަފާރިތަކުގެ މެދުގައިވެވޭ އެއްބަސްވުންތަކަކީވެސް މިގޮތުގެމަތިން ޤާނޫނާއި ޚިލާފަށް ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއެޅުމަށް ކުރެވޭ ކަމެކެވެ. މިގޮތުން، މިތަނުގައި އެއްބަސްވުން މާނަކުރެވެނީ ހަމައެކަނި ލިޔުމުން އޮންނަ އެއްބަސްވުމަކަށް އެކަންޏެއްނޫނެވެ. ވިޔަފާރިވެރިންގެ މެދުގައި، ލިޔުމުންނާއި އަނގަބަހުން ރަސްމީ އަދި ނުރަސްމީ ގޮތުގައި ވެވޭ ކޮންމެ އެއްބަސްވުމަކީ، ހަމަ މިމާނައިގެ ތެރެއަށް ވަންނާނެ އެއްބަސްވުމެކެވެ.

ހަމައެހެންމެ، ވިޔަފާރި ހިންގާ ދެފަރާތެއް ނުވަތަ ފަރާތްތަކެއްގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެފައި ނުވަތަ ވަކިގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވާއިރު، އެއީ ވިޔަފާރީގެ ވާދަވެރިކަމަށް އެއްވެސް ނޭދެވޭ ކަމެއްކުރުމުގެ މަޤްސަދުގައި ހެދޭ އެއްބަސްވުމަކަށް ނުވެދާނެއެވެ. ނަމަވެސް، އެއެއްބަސްވުމެއްގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ވިޔަފާރީގެ ވާދަވެރިކަމަށް ކޮށްފިނަމަ ނުވަތަ ކުރާނަމަ އެއީ ޤާނޫނު ހުއްދަކުރާ އެއްބަސްވުމެއް ނޫނެވެ. އަދި އެއެއްބަސްވުމެއް ނުވަތަ ޢަމަލެއްގެ ސަބަބުން ނުކުންނަ ނަތީޖާއަކީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކަމުގައިވާނަމަ އެއެއްބަސްވުމަކީ ނުވަތަ ޢަމަލަކީ، ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުމެއް ނުވަތަ ޢަމަލެއް ކަމުގައި ޤާނޫނުގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.

  • މާރކެޓުގައި މުދަލެއް ވިއްކާނެ ނުވަތަ ގަންނާނެ ވަކި އަގެއް ކަނޑައެޅުން؛
  • މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމާއި ގަތުމާއި ގުޅޭގޮތުން ވަކި ޝަރުތެއް ނުވަތަ ޝަރުތުތަކެއް ކަނޑައެޅުން؛
  • ވަކި މާރކެޓަކަށް ނުވަތަ ވަކި ބަޔަކަށް އެކަނި މުދަލެއް ނުވަތަ ޚިދުމަތެއް ދިނުން؛
  • ވިޔަފާރި ހިންގާ ފަރާތްތަކެއް އެކުވެގެން ވަކި ބައެއްގެ އަތުން މުދާ ގަތުމާއި، ވަކި ބަޔަކަށް މުދާ ފޯރުކޮށްދިނުމަށް ދެކޮޅުހެދުން؛
  • މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް ހުރަސްއެޅުން؛ އަދި
  • އިންވެސްޓްކުރުން ހިފެހެއްޓުމާއި އެކަމަށް ހުރަސްއެޅުން.

އިސްތިސްނާދެވޭ ޙާލަތްތައް

ބައެއް ޙާލަތްތަކުގައި، ވާދަވެރިކަމަށް ހުރަސްއެޅޭ ޢަމަލުތަކާއި އެއްބަސްވުންތަކަށް ޤާނޫނުތަންދީ، އެއެއްބަސްވުންތަކާއި ޢަމަލުތަކަކީ މަނާކަމެއް ނޫންކަމުގައި ކަނޑައަޅައެވެ. މިގޮތުން، އެއްބަޔަކު ތަފާތު އެކި ކުންފުނިތަކެއް ހިންގަފާނެއެވެ. އޭގެ އެއްކުންފުންޏަކާ އަނެއް ކުންފުންޏާއި ދެމެދުވެވޭ އެއްބަސްވުންތަކުގައި ވާދަވެރިކަމަށް ހުރަސްއެޅޭފަދަ މާއްދާއެއް އޮތްކަމުގައިވިޔަސް، އެއީ ޤާނޫނުން އިސްތިސްނާދެވޭ ކަމެކެވެ. މިފަދައިން ވަކި ޝަރުތުތަކަކާއެކު އިސްތިސްނާދިނުމުގެ ބާރު ލިބިގެންވަނީ މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވީމާ އިސްވެބަޔާންވެދިޔަފަދަ، ޤާނޫނުން އިސްތިސްނާދެވޭފަދަ ޙާލަތެއް ވުޖޫދުގައިވާނަމަ، އިސްތިސްނާ ހޯދުމަށް އެދި މިނިސްޓަރ އޮފް ފިނޭންސް އަށް ހުށައަޅުއްވާށެވެ.

ހަމައެހެންމެ، ބައެއް ޙާލަތްތަކުގައި އެއްބަސްވުމެއް ނުވަތަ ޢަމަލަކީ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުމެއް ނުވަތަ ޢަމަލެއް ކަމުގައިވިޔަސް، އެއެއްބަސްވުމެއްގެ ނުވަތަ އެޢަމަލެއްގެ ސަބަބުން ޢާންމުންނަށް ފައިދާވާނަމަ، އެފައިދާއަށް ބަލައި އެއެއްބަސްވުމެއް ނުވަތަ ޢަމަލަކީ ޤާނޫނު ތަންނުދޭ އެއްބަސްވުމެއް ނުވަތަ ޢަމަލަކަށް ވުމުން އިސްތިސްނާދެވެއެވެ. ވަކި ބާވަތެއްގެ އެއްބަސްވުންތަކަކީ، ބަޔާންވެދިޔަފަދަ ޢާންމުންނަށް ފައިދާފަދަ އެއްބަސްވުމެއް ކަމުގައިވާނަމަ، އެފަދަ ހުރިހާ އެއްބަސްވުމަކަށް ވަކި ޝަރުތުތަކަކާއެކު ގަނޑުކޮށް އިސްތިސްނާ ދިނުމުގެ ބާރުވެސް މިނިސްޓަރ އޮފް ފިނޭންސް އަށް ލިބިގެންވެއެވެ.

ފިޔަވަޅުއެޅުން


ވިޔަފާރީގެ ވާދަވެރިކަން ނައްތާލުމަށް ނުވަތަ ވާދަވެރިކަމަށް ހުރަސްއެޅޭފަދަ ގޮތަކަށްއެއްވެސް ފަރާތަކުން އެއްބަސްވުމެއްވެއްޖެނަމަ ނުވަތަ ޢަމަލެއް ހިންގައިފިނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އަށް ލިބިގެންވެއެވެ. އެގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، އެފަދަ ޢަމަލެއް ހުއްޓުމަށް އެންގުން ނުވަތަ އެފަދަ އެއްބަސްވުމެއް އިޞްލާހްކުރުމަށް އެންގުމާއެކު، -/10،000ރ އާއި -/100،000ރ އާއިދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި، ވަކި ޝަރުތުތަކަކާއެކު އިސްތިސްނާ ދެވިފާވަނިކޮށް އެއިން ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެއިސްތިސްނާއެއް އަނބުރާގެނެސް 5000/-ރ އާއި 50,000/-ރ އާއިދެމެދުގެ އަދަދަކުން ޖޫރިނަމާކުރުމުގެ ބާރު ލިބިގެންވެއެވެ. ޢާންމު ފަރުދުންނަށް ފައިދާވާތީ، ގަނޑުކޮށް އިސްތިސްނާ ދެވިފައިވަނިކޮށް އެއިން ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެއިސްތިސްނާއެއް އަނބުރާގެނެސް 5000/-ރ އާއި 50,000/-ރ އާއި ދެމެދުގެ އަދަދަކުން ޖޫރިނަމާކުރުމުގެ ބާރު ލިބިގެންވެއެވެ.

ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއެޅޭފަދަ އެންމެހާ އެއްބަސްވުންތަކާ ޢަމަލުތަކަކީ ޤާނޫނީގޮތުން ކުށެއް ކަމުގައިވާތީ، އެންމެ ބުއްދިވެރި ގޮތަކީ އެފަދަ އެއްބަސްވުންތަކާއި ޢަމަލުތައް އިޞްލާހްކުރުމެވެ.

އާޓިކަލް ލިއުނީ: އަލްއުސްތާޛާ ޠާހިރާ ޢުމަރު
އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355