ރޯނުވެށުމަކީ ރާއްޖޭގެ ސަގާފަތާ ގުޅިފައިވާ ފުން މާޒީއެއް، އެ މަސައްކަތާ ގުޅިފައިވާ ތާރީހީ ކަވި މަސައްކަތެކެވެ. އެންމެ ކުރިންސުރެ ރާއްޖޭގެ އަންހެންވެރިން އާމްދަނީއާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް މަސައްކަތަކީ ރޯނުވެށުމެވެ. ހާއްސަކޮށް ކުޅުދުއްފުށީގެ އަންހެންވެރިންނަށް މިއީ ވަރަށް ހާއްސަ މަސައްކަތެކެވެ.
ރާއްޖޭގައި މި މަސައްކަތް ފެށިގެންއައީ ސީދާ ކޮން ދުވަސްވަރަކު ކިހިނެތްކަމެއް ތާރީހުންވެސް އެނގޭކަން ނެތެވެ. ކުޅުދުއްފުށީގައިވެސް މި މަސައްކަތްކުރާ އެންމެ ދުވަސްވީ މީހުންވެސް ރަށުގައި މި މަސައްކަތް ނުކުރާ ހަނދާނެއް ނުހުރެއެވެ. ކިރިޔާ މަސައްކަތް ކުރެވޭ އުމުރުން ފެށިގެން އެމީހުންއައީ ރޯނުވަށަމުން އެކަމުން އާމްދަނީ ހޯދަމުންނެވެ. އެފަދަ އެއްފަރާތަކީ ކުޅުދުއްފުށީ، ސައްލިގެ ހަދީޖާ މުހައްމަދު (60އ) އެވެ.
"ހަނދާނެއް ނުހުރޭ (ރޯނު) ނުވަށާ ހަނދާނެއް. އެހާ ކުޑައިރުންސުރެވެސް ވަށަން" ހަދީޖާގެ ވާހަކަ ފެށީވެސް މިހެންނެވެ.
"މަންމަ ދަނީ ގޮވައިގެން ވަލަށް، ގޮސް މަންމައާއެކު ބޮނބިތަޅާ ހަދަނީ. ދެން އުޅޭނެ އެއްބަނޑު މީހުންވެސް. އެއްބަނޑު މީހުންކައިރިން އެހެން އުޅެމުން އުޅެމުން ރޯނުވަށަން ދަސްކުރީ އެއިރު ވަރަށް ކުޑަ. އެއިރު ރޯނުވަށަން ދަސްކުރިގޮތަށް ހަމަ އެހިސާބުން ފެށިގެން ހަމަ ވަށަމުން މި އަންނަނީ"
ހަދީޖާ ބުނީ އެންމެ ކުރީގައި ރޯނު ވިއްކަމުން އައީ ރުފިޔާއަށް ނޫންކަމަށެވެ. ރާއްޖޭގައި މުދަލަށް މުދާ ބަދަލުކޮށްގެން (ބާޓާ ސިސްޓަމް) ވިޔަފާރި ކުރިއިރު ރޯނު ބޭނުން ކުރަނީ ސާފުތެލާ، ލޮނާ، އެހެނިހެން ބޭނުންވާ ސާމާނު ގަތުމަށްކަމަށެވެ.
"ވިޔަފާރިކުރާ ތަންތަނަށް ހަމަގޮސް ވިއްކަނީ ރޯނު ވަށައިގެން ރޯނު ހިފައިގެން ގޮސް. ރުފިޔާއަކަށް ނޫން އެއިރު ވިއްކަނީ" ހަދީޖާ ބުންނެވެ.
ރުފިޔާއަށް ރޯނު ވިއްކަން ފެށިއިރު 5 ރުފިޔާ 10 ރުފިޔާއަށްވެސް އެއިރު ރޯނު ބޮޑިއެއް ވިއްކިން ކަމަށާއި މިހާރަށްވުރެ އެއިރު ރޯނު ބޮޑި ބޮޑުވެސް ވާނެކަމަށް ހަދީޖާ ބުންޏެވެ. އެއިރު ރޯނު ފޯއްޏެއްގައި މިހާރަށް ވުރެ ގިނަ ފަށް އަޅާކަމަށާއި މިހާރު އާންމުކޮށް އަޅާނީ 16، 14 ނުވަތަ 12 ފަށްކަމަށް ހަދީޖާ ބުންޏެވެ.
ރޯނު ބޮޑިއެއް ނިމި އެއިން މަންފާއެއް ލިބެނީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުންނެވެ. އޮޅަށް ބޮނބިއަޅާ، ބޮނބި ފާވާން އެތަން މަހެއް ނަގައެވެ. ބޮނބި ފާވުމުން އެނަގާ ބޮނބިތަޅައެވެ. އެއަށްފަހު ތެޅި ބޮނބިތައް މޫދުން ދޮވެ އަވީލައި ހިއްކައެވެ. އެއީ ރޯނުވެށުމަށް ކުރާ އެންމެ ބުރަ މަސައްކަތްތަކެވެ. ނަމަވެސް މަސައްކަތް މިހާ ހިސާބުން އަދި ނިމުނީކީ ނޫނެވެ. ތެޅި ބޮނބި ހިކުމުން، އެ ބޮނބި ފިނދާ އެއިން ލީލި އަޅައެވެ. ރޯނު ވަށަން ފެށޭނީ މިހާ ހިސާބުންނެވެ.
"އެންމެ ފުރަތަމަ ކުރުނބާ ކާށި އެއްޗެހި ހޯދައިގެން އެ ހެހެގެން އެންގޮސް ކުޅިއަށް އަޅަނީ. ކުޅިއަށް އާޅާފަ ގާތްގަނޑަކަށް ކުރުނބާ ބޮނބި ތެޅޭވަރުވާނެ ވާރެ ތިން މަސް ވީމަ. އެކަމަކު ހެޔޮވަރު ވާނީ ގާތްގަނޑަކަށް ހަ މަސް ވީމަ. ދެން ގަނބުޅި ބޮނބި ކާށި ބޮނބި ނުތެޅޭނެ ކުރުނބާ ބޮނބި ތެޅޭހާ އަވަހަކަށެއް"
މި މަސައްކަތް ކުރާ އެހެން މީހުންނެކޭ އެއްފަދައިން ހަދީޖާގެވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެއީ މިއީ ބުރަ މަސައްކަތަކާއި ބަލާފައި އެކަމަށް އެކަށީގެންވާ އަގެއް ނުލިބުމެވެ. ހާއްސަކޮށް ހދ އަތޮޅަކީ ފަތުރުވެރިކަން ތަރައްގީވެފައި ނުވާ އަތޮޅަކަށް ވުމީ މިކަމުގައި ގޮންޖެހުންތައް ދިމާވާ އަނެއް ސަބަބެވެ.
ހަދީޖާ ބުނިގޮތުން މިހާރު އާންމުކޮށް ރޯނު ބޮޑިއެއްގެ އަގު އުޅޭނީ 120-150 ދޭތެރޭގައި ކަމަށެވެ. އަދި މިހީ ކުރާ މަސައްކަތާއި އަޅާބަލާއިރު ހަމަ އަގެއް ނޫންކަން ފާހަގަކުރި އެވެ. އާންމުކޮށް ރޯނު ގަންނަނީ ފަންގިވިނުމުގެ މަސައްކަތް ކުރާ ކައިރި ރަށްރަށުގެ ރައްޔިތުންނެވެ.
"މިކަމަށް ކުރާ މަސައްކަތަކަށް ހަމައަގެއް ނުލިބޭ އަދިވެސް. އަހަރެމެންދެން ވަށާލާފަ ބަހައްޓަނީ. ދެން އެކި ރަށްރަށު މީހުން އައިއްސަ ގަންނަނީ. އެމީހުންނަށް އޮންނަނީ 150 ބޮނޑިއެއް ކީމަވެސް އަގު ބޮޑުވެފަ" ހަދީޖާ ބުންޏެވެ.
އޭނާ ވަނީ މިކަމަށް ހަމައަގު ހޯދައިދީ މިކަމަށް މާކެޓެއް ހުޅުވައި ދިނުމުގެ މަސައްކަތް ކައުންސިލަށް ކުރެެއްވިދާނެ ކަމަށް ބުނެފައެވެ. ހާއްސަކޮށް މިހާރު ރަށުގައި މި މަސައްކަތް ކުރާ މީހުން މަދުވުމާއެކު މިކަން އުވި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާއިރު މަސައްކަތްތައް ހަމައަގު ނުލިބުމަކީ އިތުރަށް މި މަސައްކަތް ކުރާ މީހުން މަދުވެދާނެ ސަބަބެކެވެ.
ހާއްސަކޮށް ރަށުގެ ޒުވާނުން މިފަދަ މަސައްކަތްތައް ދިރުވާ އަލާކުރަން ނޫޅުމަކީވެސް ހަދީޖާގެ ކަންބޮޑުވުމެކެވެ. އޭނާ ބުނީ މިހާރުވެސް މި މަސައްކަތް ކުރާ މީހުން މަދުވެފައިވާއިރު އެބަޔަކު ނެތް ދުވަހެއްގައި ރަށުން މި މަސައްކަތް އުވި ދިއުމަކީ ވެދާނެ ގޮތެއްކަމަށެވެ.
ރޯނުވެށުމާއި، ހާލު ފޮޅި ފިހުން ފަދަ ރަށަށް ހާއްސަވެފައިވާ މިފަދަ މަސައްކަތްތައް އަހަރެމެންގެ އަންނަ އޮތް ޖީލަށް ފޯރުކޮށްދޭން ޖެހެއެވެ. އެކުދިންގެ ކާބަފައިން ފަހުރުވެރިކަންމަތީ ކާންބޯން ކުރި މަސައްކަތް އުގަންނައިދޭން ޖެހެއެވެ. މިފަދަ މަސައްކަތްތައް އުވިގެން ދިޔަނުދިއުމަށްޓަކައި އެ ޒިންމާ މިއަދުވެ ޒުވާނުން ނަގަންޖެހެއެވެ.