twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކަނޑަށް ވެއްޓުނު ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ނަބީލާ އިސްމާޢީލް
Oct 16, 2021

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗުން ގެއްލުނު ކުއްޖާ އަދިވެސް ނުފެންނަ ކަމަށާއި ކުއްޖާ ފެނިއްޖެނަމަ އަންގައި ދިނުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި ލޯންޗުން ކަނޑަށް ވެއްޓުނީ ތިން މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަނޑުން ނަގައި ކ.ގުރައިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު އަންހެން މީހާ އޮތީ ނިޔާވެފައެވެ. މި ހާދިސާގައި ހޯދަމުން އަންނަނީ ހަތަރު އަހަރުގެ ކުއްޖެކެވެ.

މި ހާދިސާ ހިނގީ މިއަދު ހަވީރު 17:30 ހާއިރުގައެވެ.

އެމްއެންޑީއެފުން ބުނީ އެކުއްޖާ އަދިވެސް ނުފެންނަ ކަމަށާއި އާއިލާ އާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުންދާ ކަމަށެވެ.

އަދި ކުއްޖާ ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލު ބޭރުން ކަމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޝިޕު، ޝަހީދު އަލީ އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

"މިކުއްޖާއާއި ބެހޭ އެއްވެސް ހަބަރެއް މި ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރުންނާއި މިހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް" އެމްއެންޑީއެފުން ބުންޏެވެ.

ކުއްޖާއާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި ނުވަތަ 3391665 އަށް ފެކްސް ކޮށް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355