ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްތައް ކުރެވޭ ލިމިޓް 750 ޑޮލަރަށް އިތުރު ކޮށްފި އެވެ.
ބީއެމްއެލުން ބުނީ މިއަދުން ފެށިގެން ކްރެޑިޓް ކާޑުގެ ލިމިޓް އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމެރިކަން އެކްސްޕްރެސްގެ ގްރީން އަދި ގޯލްޑް ކާޑު ގެންގުޅޭ ކަސްޓަމަރުންނާއި ވިސާގެ ކްލެސިކް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނާއި މާސްޓަކާޑުގެ ސްޓޭންޑަޑް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނަށް 750 ޑޮލަރާ ހަމައަށް ބޭރު ގައުމުތަކުގައި މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
މި ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކްރެޑިޓް ކާޑު ބޭނުން ކުރަމުން ދާ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ލިމިޓަށް ބަލައި ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު ވެސް ވަނީ އިތުރު ކޮށްފަ އެވެ. މި ހަފުތާ ތެރޭގައި އެ ކަސްޓަމަރުންނަށް ބޭނުންކުން އެ މައުލޫމާތު ދޭނެ އެވެ.
ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ބޭނުންކުރާ ދިވެހި ރުފިޔާ އެކައުންޓްގެ ޑެބިޓް ކާޑުގެ ލިމިޓަކީ އަދިވެސް 250 ޑޮލަރެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ އެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ މިހާރުވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ބޭރުގެ މުއާމަލަތްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭ ލިމިޓެއް ކަނޑައަޅައިފަ އެވެ.