twitterviber whatsapp telegramfacebookyoutube instagram
27th July 2024

އަލަށް 30 މަގު، އެކަމަކު މަޝްރޫއު ފެއްޓޭނެ ތާރީހެއް ވިދާޅެއް ނުވި!

އަބްދުލް ވާހިދު ޙަސަން
Oct 18, 2021
6

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތާރު އަޅައިގެން ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 30 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވީނަމަވެސް އެ މަޝްރޫއު ފެށޭނެ ތާރީހެއް ކަމާ ގުޅޭ އިދާރާތަކުން ހާމައެއް ނުކުރި އެވެ.

އެ މަޝްރޫއު ފެށުމަށް ފުރިހަމަކުރަން ޖެހޭ އެންވަޔަރަމެންޓް އެސިސްމެންޓް ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އީއައިއޭ ރިޕޯޓް ތައްޔާރުކުރާ ސީޑީއީގެ މުވައްޒަފުންނާއި ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެ ޕްރޮޖެކްޓް ހިންގުމަށް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރުޑީސީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށް، އާރުޑީސީއާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީމަހު އެވެ. އެކަމަކު އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ. އާންމުގެ ގިނަ ހިޔާލުތަކެއް ހުށަހެޅި އެ ބައްދަލުވުމުގައި މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެ އެވެ. އެކަމާ ގުޅިގެން އެއްމަގުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ތޯ އާންމު ފަރާތްތަކުން ސުވާލުވެސް ކުރި އެވެ. އެކަމަކު އެއަށްވެސް އެއްވެސް މެމްބަރަކުވެސް ޖަވާބެއް ނުދެއްވި އެވެ.

މިހާރު މި ޕްރޮޖެކްޓް އޮތީ ފުރަތަމަ އައިއިރު އޮތްގޮތަކަށް ނޫން

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން މަޝްވަރާކުރެވިގެންދާނެ ކަމަށާއި މި ޕްރޮޖެކްޓް މިހާރު އޮތީ ފުރަތަމަ އައިރު އޮތް ގޮތަކަން ނޫން ކަމަށެވެ. އެގޮތުން މީގެ އިތުރަށް ފަޔަރ ހައިޑްރަންޑް ހިމެނުމަށް މަޝްވަރާކުރަމުންދާކަމަށާއި އެކަމަށް އެދެވޭ ޖަވާބެއް މަޝްވަރާތަކެއް ކުރެވޭކަމަށް ވިދާޅުވި އެވެ.

އަދި މީގެ އިތުރުން މާލޭގެ ދިމާވާ މައްސަލަ މިރަށުގައި ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަމުންދާ ކަމަށާއި ޑީވޯޓަރިން ސިސްޓަމެއްވެސް އިތުރުކުރެވިފައިވާކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ މަގާމާ ހަވާލުވެގެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އާންމުގެ ފަރާތުން އެންމެ ގިނަ ޝަކުވާ އެއްކަމަކާ ގުޅިގެން އައިސްފައިވަނީ މަގުތަކުގެ މައްސަލާގައި ކަމަށެވެ. އޭނާ ވިދާޅުވީ އާ ކައުންސިލުން އެދިގެން އިތުރު 8 މަގެއް އިތުރުކޮށްފައިވާ ކަމަށާއި މަގުތައް ހެދުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ މިސްކިތްތަކާއި މިހާރު ހެދިފައި ހުރި މަގުތަކާއި ދުރު ހިސާބުގެ މަގުތައްކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފް އާއި މެމްބަރު އާތިފާ އަލީ ރަށުގައި ނޫޅުއްވާތީ ބައިވެރިވެވަޑައިގަންނަވާފައެއް ނުވެ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން 30 މަގެއް ހަދާނެ

މި ބައްދަލުވުމުގައި އާރުޑީސީ ބުނީ ދެ ވަނަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށީގައި 30 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށާއި މަޝްރޫއު ފެށޭތާ އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ.

އެ ކުންފުނީގެ އަމާޒަކީ އަވަހަށް މަގުތައް ހެދުން ނޫން ކަމަށާއި އެކަމަކު ރަނގަޅު ފެންވަރަށް ކަންކަން ފުރިހަމަކޮށް ތަރައްގީކުރުން ކަމަށްވެސް ވިދާޅުވި އެވެ. އާރުޑީސީގެ އޮފިޝަލު ވިދާޅުވީވެސް ތަރައްގީކުރެވޭ މަގުތަކުގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރެވިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހޮޅިތަކާއި ކޭބަލު އަޅަން ފަސޭހަވާނެ ގޮތަށް ކޭބަލް ޖަންކްޝަން ގާއިމުކުރުމުގެ އިތުރުން ކޭބަލުތައް ހުންނާނީ ޕޭވްމެންޓް ދަށުގައި ކަމަށެވެ.

މަގުތަކުގެ ޑިޒައިން

  • އުޅަނދުފަހަރު ދުއްވުމަށް: 10-16 ފޫޓް
  • ދުވާރު: 4-3 ފޫޓް
  • ގަސް އިންދާ ސަރަހައްދު: 3-2 ފޫޓު
  • 40 މިލިމީޓަރުގެ ތާރު

ފެން ހިންދުމަށް ޖުމްލަ ފަސް ޕަންޕް ސްޓޭޝަން ގާއިމުކުރާއިރު ފެން ހިންދާ ނިޒާމު ފަރުމާކުރެވިފައިވަނީ ބިމަށް ފެން ހިނދޭގޮތަކަށެވެ. އަދި އިތުރުވާ ފެން މޫދަށާއި ކުޅިއަށް ބޭރުކުރެވޭނެ އިންތިޒާމުތަކާއެކު އެވެ.

މިއަހަރުގެ ފެބުރުއަރީމަހު ހަވާލުކުރި މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 510 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ އަގަކީ 100.7 މިލިއަން ރުފިޔާ އެވެ. ކުޅުދުއްފުށީގައި މަގުތައް ހެދުމުގެ މަޝްރޫއު ފުރަތަމަ ފެށީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ. އެކަމަކު އެ މަޝްރޫއު ހުއްޓިފައި އޮތުމަށްފަހު މަސައްކަތް ފެށީ 2013 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355