twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް އެއާޕޯޓް ރަންވޭގެ ލައިޓް ހަރުކުރުމަށް ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Oct 20, 2021
5

ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އެކި ވުޒާރާތަކުގެ އިސްވެރިން ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ދަނޑިވަޅާ ދިމާކޮށް ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ލައިޓިން ހަރުކުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގެ ލައިޓިން ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ބަޖެޓް ފާއިތުވި ދެ އަހަރު ބަޖެޓްގައި ހިމެނިނަމަވެސް އެ މަޝްރޫއު ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.

އެންމެ ބާރުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓްކަމުގައިވާ މި ތަނުގައި ފުލައިޓް ޖައްސަން ފެށިތާ 3 އަހަރުވެގެން ދިޔަ އިރު ދުވާލަކު 1 ފުލައިޓަށް ވުރެން ފުލައިޓު އިތުރެއް ނުކުރެވުނެވެ. ޒުވާނުންގެ ދުވަހާ ދިމާކޮށް ދެ ފުލައިޓް ބޭއްވި ނަމަވެސް އެ ދެ ފުލައިޓަކީވެސް މީހަކަށް ފަސޭހަ ވާނެފަދަ ގޮތަކަށް ހަމަޖައްސާފައިވާ ފުލައިޓްތަކެއް ނޫނެވެ.

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަވާލުކުރީ ޗައިނާގެ، ޒެޑްއާރުޖީޑަބްލިޔު ކޯޕަރޭޝަން ލިމިޑެޑާ އެވެ. މި މަޝްރޫއު ހަވާލުކުރީ، ހަވާލުކުރާތާ 100 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ގާއިމުކުރާ ލައިޓިން ސިސްޓަމަކީ ލެޑް ސިސްޓަމެއްކަމަށާއި އޭގެ ސަބަބުން ދިމާވާ މައްސަލަތަށް މަދުވެ ލައިޓްތަކުގެ އުމުރު ދިގުވުމުގެ އިރުތުން ލައިޓިންއަށް ހޭދަވާ ކަރަންޓް ހަރަދު ވަރަށްބޮޑަށް ކުޑަވެގެންދާނެކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެއެވެ.

2019 ވަނަ އަހަރު ކޭއޯއަށް ދެއްވި އިންޓަވިއުގައި ރީޖަނަލް އެއާޕޯޓްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން 2020 ވަނަ އަހަރަށް، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ އެއާޕޯޓް ރަންވޭގެ ލައިޓިން ސިސްޓަމް މިހާރު ބަޖެޓް ކުރެވިފައިވާ ކަމަށާއި 2020 ވަނަ އަހަރު އެމަސައްކަތްތައް ފެށިގެންދާނެކަމަށެވެ.

ނަމަވެސް އޭގެ ފަހުން 2 އަހަރު ވެގެންދިޔައީ އެވެ. އެ ބުނާ ލައިޓިން ސިސްޓަމް ހަރުނުކުރާތާގައި އެ އެއާޕޯޓަށް ޑެއިލީ ޝެޑިއުލް ފުލައިޓްވެސް ނުޖެއްސެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާނުލެވެނީސް އެއާޕޯޓް ހުޅުވައިދެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ދުވަހަށްވެފައިވަނިކޮށް އޭރުގެ ރައީސް އަބުދުﷲ ޔާމީނެވެ. ޓެސްޓް ފްލައިޓްގެ އިތުރުން ރައީސް ޔާމީން އެއާޕޯޓް ހުޅުވަން ވަޑައިގެންނެވި ފުލައިޓާއި ރިޔާސީ އިންތިހާބަށް ވޯޓުލުމަށް މާލެގަ އުޅޭ ކުޅުދުއްފުށީ މީހުން ދެ ފްލައިޓްގައި އެ އެއާޕޯޓަށް ގެނެސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355