ބޭންކް އޮފް މޯލްޑިވްސްއަށް 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަން ކޮށްފިއެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި ވަނީ އެ މުއައްސަސާއަށް 15، 20، 25، 30 އަދި 35 އަހަރު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެވޯޑު ހަވާލު ކޮށްފައެވެ. އެގޮތުން 61 ފަރާތަކަށްވަނީ މި އެވޯޑު ލިބިފައެވެ.
މި ހަފްލާގައި އެވޯޑުތައް ހަވާލު ކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާރ ޓިމް ސޯޔާއެވެ.
އެންމެ ހާއްސަ އެވޯޑެއްގެ ގޮތުން 35 އަހަރު ބީއެމްއެލްއަށް ހިދުމަތް ކުރެއްވި ބީއެމްއެލްގެ ކަސްޓަމާ ސާވިސް މެނޭޖާރ ޒުލްފާ މުހައްމަދު އަދި 30 އަހަރު ބީއެމްއެލްއަށް ހިދުމަތް ކޮށްދެއްވާފައިވާ އެ ކުންފުނީގެ ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން ޝަމްސިއްޔާ އިބްރާހީމަށް ވަނީ އެވޯޑު ދީފައެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.