ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް މެދުއިރުމަތީގެ މީޑިއާ ޓީމެއް ތަޖުރިބާގެ ދަތުރެއްގައި ރާއްޖެ އަތުވެއްޖެ އެވެ. މި ޓީމް ރާއްޖޭގައި މިމަހުގެ 15 އިން 20 ވަނަ ދުވަހާ ހަމައަށް ތިބޭނެ އެވެ.
މި ތަޖުރިބާގެ ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ހުރަވަޅި އައިލެންޑް ރިޒޯޓް އެންޑް ސްޕާ، ކަގި މޯލްޑިވްސް އަދި ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގައެވެ. މި ޓީމުން ސްޕާ، ވޯޓާ ސްޕޯޓްސް، ސްނޯކްލިން ފަދަ، ރާއްޖޭގެ ރިޒޯޓުތަކުން ލިބޭ ތަފާތު ހިދުމަތްތައް ތަޖުރިބާ ކުރާނެއެވެ.
މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ އާންމުންގެ މެދުގައި މަޤްބޫލު ނޫސް މަޖައްލާތައްކަމަށްވާ ޓްރެވަލް އެންޑް ޓުއަރިޒަމް ނޫސް މަޖައްލާތަކުގެ ނޫސްވެރިންނެވެ. މި މަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފްތާއަކު، މަހަކު ނުވަތަ ކޮންމެ ހަމަހުން އެއްމަހުވެސް ލިޔެކިއުންތަކާއި، އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.
4 މަސް ވަންދެން މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާއި ބެހޭގޮތުން 2-3 ވަރަކަށް އާޓިކަލް ޝާއިއުކުރަން ވަނީ ހަމަޖެހިފަ އެވެ. މި އާޓިކަލްތައް މެދުއިރުމަތީގެ މަތީ ފަންތީގެ އަދި ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި މީގެސަބަބުން ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރާނެ ކަމަށެވެ.
މި ތަޖުރިބާގެ ދަތުރަކީ މެދުއިރުމަތީގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގޭ ހަރަކާތެކެވެ.
މި މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މި އަހަރު މިހާތަނަށް ވަނީ ފޭމް ޓްރިޕްތަކާއި، ވެބިނާ އަދި ރޯޑްޝޯތައް އިންތިޒާމްކޮށްފައެވެ. އަދި މި މާކެޓުގައި ހަރަކާތްތެރިވާ ފަތުރުވެރިކަމާއި ގުޅުން ހުރި އެކި ފަރާތްތަކާއެކު ސޯޝަލް މީޑިއާ ޑިޖިޓަލް އަދި އެހެނިހެން މާކެޓިން ކެންޕެއިންތައް ހިންގާފައެވެ. މި އަހަރު ކުރިއަށް އޮތްތާނގައިވެސް މެދުއިރުމަތީގެ މާކެޓަށް ހާއްސަކޮށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.