ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތް މިނިސްޓްރީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ރޯޑް ކިންގް ޗެމްޕިއަންޝިޕްގެ ރޯޑް ކިންގްކަން އިބީ ހޯދައިފި އެވެ.
ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ސައިކަލު ރޭހުގެ ރޯޑް ކިންގްކަން ދޮން އިބްރާހިމް ރޭސިންގެ އިބީ ހޯދީ ފައިނަލުގައި ބީސްޓް ކްރޫގެ މުހައްމަދު ހުމާމް ބަލިކޮށްގެންނެވެ. މީގެއިތުރުން އިބީ ވަނީ 135 ސީސީގެ ރޭހުގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.
ހުމާމް ފައިނަލަށް ދަތުރުކޮށްފައިވަނީ ބީޑީ ރޭސިންގެ ހުސެއިން ސިޔާން ބަލިކޮށްގެންނެވެ. އަދި އިބީ ފައިނަލަށް ދަތުރުކޮށްފައިވަނީ ފްރީ ރައިޑާސް ލޫޓު ބަލިކޮށްގެންނެވެ.
ފިރިހެން ކެޓަގަރީގެ 125 ސީސީގެ ޗެމްޕިއަންކަން ހޯދީ މެގްމާ ރޭސިންގެ އަމީޒެވެ. އަމީޒު މިބައިގެ ޗެމްޕިއަންކަން ހޯދީ ފްރީ ރައިޑާސްގެ ލޫޓު ބަލިކޮށްގެންނެވެ. ފިރިހެން ކެޓަގަރީގައި ޖުމްލަ 34 ރައިޑަރުން ވާދަކުރެ އެވެ.
135 ސީސީގެ ޗެމްޕިއަންކަން ހޯދީ ދޮން އިބްރާހިމް ރޭސިންގެ އިބީ އެވެ. އިބީ މިރޭހުން މޮޅުވީ އޮރި މޮޓޯސްގެ ކުޑަ ރިއްޓެ ބަލިކޮށްގެންނެވެ. އިބީގެ ސައިކަލަށް އަންނަނީ މިމުބާރާތުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވަމުންނެވެ. 150 ސީސީގެ ޗެމްޕިއަންކަން ހޯދީ ބީސްޓް ކްރޫގެ އަނީޒެވެ. އަނީޒް މިބައި ކާމިޔާބުކުރީ މެގްމާ ރޭސިންގެ ނާޖިހް ބަލިކޮށްގެންނެވެ.
އަންހެން ކެޓަގަރީގައި ކުރިއަށް ގެންދިޔައީ އެންމެ އިވެންޓެކެވެ. އެއިވެންޓްގެ ޗެމްޕިއަންކަން ޖޫލީ ހޯދީ ފައިނަލް ރޭހުގައި ދެބުރުންވެސް މެގްމާ ރޭސިންގެ ޔައްމި ބަލިކޮށްގެންނެވެ. މިކެޓަގަރީގައި ޖުމްލަ 9 ރައިޑަރުން ވާދަކޮށްފައިވެ އެވެ.
1 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މިއިވެންޓް ބަލާލުމަށް ކުޅުދުއްފުށީގެ ކުދިބޮޑު އެތައް ސަތޭކަ ބަޔަކު ވަނީ ރޭސްޖަހާ ސަރަހައްދަށް އެއްވެފަ އެވެ. މިއިވެންޓަށް ވަނީ ގިނަ ބައެއްގެ ތަރުހީބާއި ސަޕޯޓު ލިބިފަ އެވެ.