ގާބިލް ޒުވާނުންތަކެއް އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޒުވާނުން ގައުމުގެ ހިންގުމާ ހަވާލުވާ ދުވަސް އަންނަންވާ އިރަށް އެ ޒުވާނުންނަކީ ގައުމީ މަސްއޫލިއްޔަތު އުފުލޭވަރުގެ ބަޔަކަށް ހެދުމަށް ކަމަށެވެ.
ޒުވާނުންގެ ދުވަސް މިއަހަރު އައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީން ހޯދައިދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ އެކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސް، ގައުމަށް ބޭނުންތެރި އިލްމީ ޒުވާނުން ބިނާކުރުން ކަމަށާއި މަސައްކަތުގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ ފުރުސަތުތައް ފަހިކޮށްދެނީ ގައުމުގެ ތަރައްގީގައި ބައިވެރިވާނެ ހުނަރުވެރި އަދި ފަންނުވެރި ޒުވާނުން އުފެއްދުމަށްކަމަށެވެ.
ރައީސް ގޮވާލެއްވީ ޒުވާން އުމުރުފުރައަކީ އުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަން ދެނެގަނެ ހަޔާތުގެ ކުރިމަގަށް އަޅާ ބިންގާ ސީދާކޮށް ކޮންމެ ޒުވާނެއްގެ ކިބައިގައި ވެސް ތަފާތު ހުނަރުތަކަކާއި ތަފާތު ގާބިލުކަމެއް އަލާކުރުމަށެވެ.
މިހާރު ޑްރާފްޓްކޮށްފައިވާ ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލްގެ އެންމެ މުހިންމު އެއް މަގުސަދަކީވެސް އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވި އެވެ.
"ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުސަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލްގެ ވަރަށް މުހިންމު މަގުސަދެއް. މިބިލްގެ ސަބަބުން، ގައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަހުރު ހޯދައި ދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިރޭ ޔޫތު އެވޯޑު ހާސިލްކުރި 10 ޒުވާނުންނަށް މަރުހަބާ ވިދާޅުވެ، އެ ޒުވާނުންގެ މަސައްކަތުން ގައުމުގެ ކަންކަން ރަނގަޅު ކުރުމުގެ އަޒުމް، ދިވެހި ޒުވާނުންގެ ކިބައިގައި އެބަހުރިކަން ސާބިތުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޒުވާނުންގެ ހުރި ހުނަރާއި ފަންނުވެރިކަމުން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް އެދި ގައުމު ގޮވާލަމުންދާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އުންމީދަކީ ގައުމަށް ބޭނުންތެރި އަދި ގައުމަށް ހިދުމަތްކުރާ މީހަކަށް ވުމުގެ އަޒުމް ޒުވާނުން މިއަދުން ފެށިގެން ކަނޑައެޅުން ކަމަށާއި ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފައްދުން ކަމަށެވެ.