twitterviber whatsapp telegramfacebookyoutube instagram
28th March 2024

އައިޖީއެމްއެޗާއި ގުޅިގެން މިމަހު 26 ން 28 އަށް ކޭއާރުއެޗުން ކާރޑިއޮލޮޖީ ކޭމްޕެއް ކުރިޔަށް ގެންދަނީ

ޚަދީޖާ އާދަމް
Oct 25, 2021
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިމަހު 26 ން 28 އަށް ނޮން އިންވޭސިވް ކާރޑިއޮލޮޖީ ކޭމްޕެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕަކީ އެ ހޮސްޕިޓަލުން އިސްނަގައިގެން އައިޖީއެމްއެޗާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ކޭމްޕެއް ކަމަށެވެ. އެގޮތުން މި ކޭމްޕުގައި ބަލި މީހުން ބައްލަވާނީ ނޭޝަނަލް ކާރޑިއެކް ސެންޓަރުގައި މަސައްކަތް ކުރައްވާ ހިތުގެ ބަލީގެ ހާއްސަ ޑަކްޓަރު މިޤްދާދް ޝަރީފް އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ އުންމީދަކީ ކުއާރޓާލީކޮށް މި ކޭމްޕްތައް ކުރިޔަށް ގެންގޮސް ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނާއި ގާތުން ދާއިމީ ގޮތެއްގައި ދިނުން ކަމަށެވެ. އެގޮތުން މިއީ މިފަދަ 3 ވަނަ ކޭމްޕްކަން ފާހަގަ ކުރެއްވި އެވެ.

މި ފަދަ ކޭމްތަކުގެ ބޭނުމަކީ އައި.ޖީ.އެމް.އެޗް އާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ މައި ހޮސްޕިޓަލަށް ރެފާރ ކުރަންޖެހޭ ކޭސްތަކުގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް ލުއިތަކެއް ލިބި، ދެވި އެންމެ އެކަށޭނެ ފަރުވާ ހޯދައިދިނުން ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މި ފަހަރުގެ ކޭމްޕްގައި، ކޮންސަލްޓޭޝަން ހިދުމަތުގެ އިތުރުން ނޮން އިންވޭސިވް ޓެސްޓްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާނެ. އަދި އަޅުގަނޑުމެންނާއި ދާދި ފަހުން ގުޅުނު ކާރޑިއޮލޮޖިސްޓާއި ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންގޮސް ކޭ.އާރު.އެޗް ގެ ކާރޑިއެކް ސެންޓަރާއި، އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާރޑިއެކް ސެންޓަރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް މަސައްކަތްތައް ސްޓްރީމްލައިން ކުރުމަށް މަސައްކަތް ކުރެވޭނެ" އަހުމަދު ވިދާޅުވި އެވެ

26 ވަނަ ދުވަހު ކޭމްޕް ކުރިއަށް ދާނީ މެންދުރުފަހު 2:00 ން ހަވީރު 6:00 ށެވެ. އަދި 27 ވަނަ ދުވަހު ހެނދުނު 9:00 ން 11:00 އަދި މެންދުރުފަހު 2:00 ން ހަވީރު 6:00 ށެވެ. 28 ވަނަ ދުވަހު ކޭމްޕް ކުރިއަށް ދާނީ ހެނދުނު 9:00 ން 11:00 ށެވެ.

ކޭއާރުއެޗުން ބުނީ މަސައްކަތް ކުރަމުންދަނީ ކޭމްޕުގެ ތެރެއިން ވީހާވެސް ގިނަ މީހުންނަށް ހިދުމަތް ދިނުމަށް ކަމަށާއި ކޭމްޕްގެ ތެރެއިން ސްކްރީނިން ވެސް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މި ކޭމްޕަށް ވެއިޓް ލިސްތް ކުރުން މިމަހު 26 ވަނަ ދުވަހުގެ ހެނދުނު 6 ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. ވެއިޓްލިސްޓް ކުރުން ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 ން ހެނދުނު 6 އި ދެމެދުއެވެ. އަދި އެޕޮއިންޓްމެންޓް ކަށަވަރުވާ ފަރާތްތަކަށް އަންގާނެކަމަށް ކޭއާރުއެޗުން މައުލޫމާތު ދެއެވެ.

ވެއިޓް ލިސްޓް ކުރުމަށް 6528864 ގުޅުއްވޭނެ އެވެ. ނުވަތަ 7887799 ނަންބަރާ އެސްއެމްއެސް ވެސް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355