ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައިގައި މިމަހު ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރަމުންދާ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ސުވާލު ކުރުމުން ޝިއުނާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން ދައުވާ ނުކޮށް އަނބުރައި ފޮނުވާލިއިރު ޕީޖީ ފާހަގަކުރި ކަންކަން މިހާރު ރަނގަޅު ކުރަމުންދާ ކަމަށެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި މައްސަލައަކާއި ފައިސާގެ މުއާމަލާތާއި ގުޅޭ އިތުރު ތަހުގީގުތަކެއް ކުރަމުންދާ ކަމަށާއި އަދި އެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެއްޖެ ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ. އަދި އޭސީސީން މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސްކޮށް ފައިސާ ވަނީ ދައްކާފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރަށް ވެފައި ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއަކާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްލާފަ އެވެ.
މިމައްސަލައިގައި ދައުވާ ކުރަން އޭސީސީންއ ޕީޖީ އޮފީހަށް ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހެއްދެވުމުން ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެން ޕީޖީން މިހާރު ދަނީ ފުލުހުންނާއި އޭސީސީއާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވަމުންނެވެ. އަދި މައްސަލައާއި ގުޅުންހުރި ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޕީޖީން ބުނެފައިވެ އެވެ.