ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން ސާވިސްގެ ބިލް މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.
މިބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެ. މަޖިިލީހަށް ހުށަހެޅުއްވި ފޮރިން ސާވިސްގެ ބިލަކީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލެކެވެ.
ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވެސް މިބިލު ފާސްކުރުމަށް ނިންމިއިރު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ހުޅުވުމުން އެ ބިލް ފާސްކުރުމަށް ވޯޓު ދެއްވީ 46 މެންބަރުންނެވެ.
ކޮމިޓީ މަރުހަލާގައި ބިލަށް ބައެއް ބަދަލުތައް ގެނެސްފައިވާއިރު ފޮރިން ސާވިސްގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ އެކަމާ ގުޅޭ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން ކަމަށް ކަނޑައަޅައި ބިލަށް މާއްދާއެއް އިތުރުކޮށްފައިވެ އެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސް މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސްއިން ބޭރުގެ މުވައްޒަފުންނަށް މަގާމުގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ މައުލޫމާތުތައް ހާމަކުރުމަކީ ކުށެކެވެ. އަދި އޭގެއިތުރުން ފޮރިން ސާވިސްގެ ވަޒީފާތަކުގެ ގިންތިތަކާއި، މަގާމުތަކުގެ މަސްއޫލިއްޔަތު ތަކާއި، އެ މަގާމުތަކުގެ ޝަރުތުތައް ބަޔާންކުރާ ވަޒީފާގެ އޮނިގަނޑެއް ފަދަ އެއްޗެއް އެކުލަވާލެވޭނީ ރައީސް އޮފީހުން ހުއްދަ ދިނުމަށްފަހުގައި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.