twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކައުންސިލްގެ ފޯކަސް "ކަޓާފައި": ތަރައްގީގެ ނިޝާނެއް ނެތް!

ޚަދީޖާ އާދަމް
Oct 31, 2021
14

ސިޓީ ކައުންސިލަކަށް ކުޅުދުއްފުށީ ރައްޔިތުންގެ އޮތީ ބޮޑު އުއްމީދެކެވެ. އެންމެ ފުރަތަމަ ސިޓީ ކައުންސިލަށްވުމުން އެކަންޏެއް ނޫނެވެ. ތައުލީމީ ގާބިލު ޒުވާނުންތަކެއް އިންތިހާބަށް ނުކުމެ ތަރައްގީއަށްވި ގިނަގުނަ ވައުދުތަކުންވެސްވީމަ ރައްޔިތުންގެ އުއްމީދުތައް އުތުރި އެރީ އެވެ. ރައްޔިތުން އުއްމީދުތަކާއެކު އިންތިހާބު ކުރީ ވެސް މިހާތަނަށް ކުޅުދުއްފުށި ދުށް އެންމެ ތައުލީމީ, ޒުވާން ކައުންސިލެވެ. އެކަމަކު, މިހާރު އުފެދިފައި އޮތް ބޮޑު ސުވާލަކީ ރައްޔިތުން އުއްމީދަށްވީ ކިހިނެއް ކަމާ އެވެ.

އެތަކެއް އަހަރެއްވެ ހައްލުނުވެ ހުރި މައްސަލަތައް ހައްލުކުރުމުގެ ޒިންމާ ރައްޔިތުން ހަވާލުކުރި ކައުންސިލަރުން އެ މަގުން ހިނގާ މަންޒަރު ފެނޭތޯ އެއީ މިއަދު ރައްޔިތުން ކުރާ ސުވާލެކެވެ. ޝަކުވާއެކެވެ.

"އަބަދުވެސް މިފެންނަނީ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރަން އުޅޭ ތަން. ނޫނީ ކޮންމެވެސް ބަޔަކާއި މަޝްވަރާކޮށް ފޮޓޯ(ކައުންސިލް ޕޭޖަށް) އަޅާ މަންޒަރު." ކުޅުދުއްފުށީގެ މުވައްސަސާއެއްގެ ވެރިޔަކު ވިދާޅުވި އެވެ.

"ޕީއާރް ޖެއްސުމުގައި އަވަދިނެތި އުޅޭ ތަން ފެންނަނީ, އެހެން ކައުންސިލްތަކުން ރަށްރަށަށް ތަރައްގީ ގެނެސް, އިޖުތިމާއީ ބޮޑެތި ކަންކަން ވެސް ކުރަމުންދާއިރު އެ މަންޒަރު މި ތަނަކުން ނުފެނޭ,"

އޭނާ ވިދާޅުވީ، ތަރައްގީގެ މަޝްރޫއު ހިންގާ މަންޒަރު ރައްޔިތުންނަށް ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ކައުންސިލުން އުޅެނީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކޮށް ތަރައްގީއަށް ހުރި ފައިސާކޮޅު ހުސްކޮށް އިސްރާފުކުރުމުގައި ކަމަށެވެ. ލާމަރުކަޒީ ގާނޫނުން ބާރުތަކެއް ކައުންސިލަށް ދީފައިވީނަމަވެސް, ރަށު ފެންވަރުގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ތަން ނުފެނުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ދުވަސްވެސް ހަފްތާތައްވެސް މެހެމާނުންނަށް މަރުހަބާ ކިޔަން ކުރާ ކަންކަންވެސް ކުރަންވީ. އެކަމަކު ތަރައްގީ އިސްވާން ޖެހޭނެ." ސިޔާސީ ދާއިރާގައި ހަރަކާތްތެރިނުވާ ވެރިޔަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ ކައުންސިލުން މަޝްރޫއުތައް ނުހިންގާތީ އެކަމުގެ ޝަކުވާ ބޮޑީ ހަމައެކަނި އާދައިގެ ރައްޔިތުން އެކަންޏެއް ނޫނެވެ. ކައުންސިލަރުން އިންތިހާބުކުރަން އެންމެ ގާތުގައި ބުރަ މަސައްކަތް ކުރި އެމްޑީޕީގެ އެކްޓިވިސްޓުންވެސް ތިބީ އެ ޝަކުވާގަ އެވެ.

"ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި މެހެމާނުންނަށް މަރުހަބާ ކިޔާ ނުފޯރާފޮތިން ފޫގަޅާ މަންޒަރުން މިއަދު މި ފެންނަނީ. އެއްގޮތަކުން ބުނާނަމަ ކުރީގެ ކައުންސިލްތަކަށްވުރެ ގޯސް." އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ބުންޏެވެ.

އަބަދުވެސް ފެންނަނީ މަޝްވަރާކުރާ މަންޒަރު ކަމަށާއި އެއްވެސް ކަމެއްގައި އަމަލީ މަސައްކަތެއް ކުރާ މަންޒަރެއް ނުފެންނަކަމީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަވަމުން އިދާރާއެއްގެ ވެރިޔަކު ވިދާޅުވީ، ކައުންސިލް ބައްދަލުވުންތަކުންވެސް އިވެނީ މަޝްވަރާކުރާ އަޑު ކަމަށެވެ. އަމަލީގޮތުން ކަންކަން ފެނިގެންނުދާއިރު ކައުންސިލްގެ މޫނުމަތި ރީތިކުރަން ކުރާ މަސައްކަތް މަޑުޖައްސާލައި ރައްޔިތުންނަށް ލާބަ ހުރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ބަޖެޓެއް ލިބުނުއިރު ނޭޗާރ ޕާރކެއްވެސް ތަރައްގީކޮށްލަން ބަޔަކާ ހަވާލު ކުރެވިފައިނުވާ ކަމަށާއި ނަމަވެސް, ބައެއް ރަށްރަށުގައި އާ ކައުންސިލްތަކުން އެފަދަ އެތައް ކަމެއް ލިބުނު ބާރުތަކާއެކު ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ފެންނަނީ އެންމެ ކުދިކުދި ކަންކަމަށް ވެސް މައި ސަރުކާރު ކުރިމަތީ ސަލާން ޖަހާތަން, ސަރުކާރުން ކޮށް ދޭންދެން ތިބޭ ތަން, މިހެންވެއެއް ނޫން ބޮޑެތި ބާރުތައްދީ, ޒުވާން ތައުލީމީ ކައުންސިލެއް ހޮވީ, އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލްކަން ހުންނަން ވާނެ," އޭނާ ވިދާޅުވި އެވެ.

އިތުރު މިސާލެއް ދައްކަމުން އޭނާ ވިދާޅުވީ، ހިނަވާގެ އާއި 6 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތްތަކީ ކުރީގެ ކައުންސިލްގައިވެސް މަޝްވަރާކުރެވި އެކަމުގެ ބޮޑުބައި ނިމިފައިވާ ދެ ޕްރޮޖެކްޓް ކަމަށާއި އެގޮތުން ހަ ބުރީގެ އިމާރާތް އޮތީ އާ ކައުންސިލް އައިއިރު ބިޑަށް ހުޅުވާލަން ތައްޔާރުވެފައި ކަމަށެވެ. އެކަމަކު އެ ޕްރޮޖެކްޓަށް އާ ކައުންސިލުން ހެދި ގޮތް ރައްޔިތުންނަށް ނޭނގޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިންގް ރޯޑާއި ކުޅި ކައިރީގައި ހަދަން ބުނި މަގާއި އަދިވެސް އެފަދަ ގިނަ ކަންކަން ހުރީ ނުފެށިވާ ކަމަށާއި ކައުންސިލް ބައްދަލުވުންތަކުން ނިންމާ އެހެނިހެން ޕްރޮޖެކްޓްތައްވެސް ކުރިއަށްދާތަން ނުފެންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހިނަވާގޭގެ މަސައްކަތުގެ އަޕްޑޭޓެއްވެސް ނެތް. ގައިމުންވެސް ހިނަވާގެ އަޅާތަނެއް ނުފެނޭ. ދަތުރު ހިޔާވެސް ނިންމާ ހަވާލުކުރިތާ ދުވަސްތަކެއްވެއްޖެ. އެކަމަކު އެތަންވެސް އަދިވެސް ނުހުޅުވާ، ދެން ވެދާނެ ކުރީގެ ކައުންސިލުންކޮށްފަ ހުރި ކަންކަންވީމަ ހުޅުވަން ބޭނުންނުވަނީ ކަމަށްވެސް." ކުޅުދުއްފުށި މުވައްސަސާއެއްގެ ވެރިޔަކު ވިދާޅުވި އެވެ.

ކައުންސިލުން ހިންގާ މަޝްރޫއުތައް ނޫނަސް ސަރުކާރުން މި ރަށުގައި ހިންގަން ނިންމާފައިވާ މަޝްއޫރުތައް ގޮސްފައިވާ ހިސާބެއް ބަލަން ރައްޔިތުން ބޭނުންވެއެވެ. އެގޮތުން ކުޅުދުއްފުށި ޓާޝިއަރީ ހޮސްޕިޓަލެއްގެ ހުވަފެން ދެކޭތާވެސް ލައްކަ ޒަމާން ވެއްޖެއެވެ.

މި ސަރުކާރާއެކު ހޮސްޕިޓަލަށް ގިނަ ކުރިއެރުންތަކެއް އައިކަން އެއީ އެއްވެސް މީހަކު ދެކޮޅު ހަދާނެ ކަމެއް ނޫނެވެ. ހަމަ އެއާއެކު ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ކުރީ ކައުންސިލްގެ ތެރެއިން ބިންވެސް ހަމަޖެހިގެން ދިޔައިރު މި މަޝްރޫއުއޮތް ހިސާބެއް ސަރުކާރުން ފަހުން ހާމަކޮށްފައެއް ނުވެއެވެ. އެކަންކަން އަވަސް ކުރުމަށް ކައުންސިލުން ސަރުކާރާއެކު މަޝްވަރާކޮށް ރައްޔިތުންނަށް ދިމާވާ ދަތިތައް ހިއްސާކުރުމަކީ މުހިއްމު ކަމެއްކަމަށް ރައްޔިތުން ދެކެއެވެ.

އިއުލާންކޮށްފައިވާ މަޝްރޫއުތައް އޮތީ ކިހާ ހިސާބެއްގައިތޯ ރައްޔިތުން ދަނީ ސުވާލުކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ހަދާ ނިންމާފައިވާ ބަނދަރު އަދިވެސް އޮތީ ވާނުވާގައެވެ. ރައްޔިތުންނަށް އެތަން ބޭނުން ކުރެވޭވަރުވާނީ އަދިވެސް ކިހާ ދުވަހަކުން ކަމެއް އެނގޭވަރެއް ނުވެއެވެ. ހަމަ އެގޮތުން ހަދާ ނިމިފައި ހުރި ދަތުރު ހިޔާވެސް އަދިވެސް ހުޅުވާ އާންމުންނަށް ބޭނުން ކުރެވެން ފެށޭނީ ކިހާ ހިސާބެއްގައި ކަމެއް ނޭނގެއެވެ.

މި ކައުންސިލް ހުވާކުރިތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މަޝްރޫއުތައް ފެށިފައި ނެތްނަމަވެސް ކައުންސިލް ފެނިގެންދަނީ ހަރަކާތްތެރި ކައުންސިލެއްގެ ގޮތުގައެވެ. ކައުންސިލް ފާހަގަވެފައިވަނީ އިތުރު ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ ކައުންސިލެއް ގޮތުގައެވެ. އެފަދައިން ރައްޔިތުންވެސް ބޭނުންވަނީ ކައުންސިލްގެ ފަރާތުން މަޝްރޫއުތައް ހިންގުމުގައިވެސް މިފަދައިން ހަރަކާތްތެރިވެ އުޅުމެވެ. މަޝްރޫއުތަކުގެ އަދާހަމަ ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355