ޕުލްމޭން އަދި މާކިޔުއާ މޯލްޑިވްސްއާއެކު އެމްއެންޔޫއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް އިންނަ ބިލްޑިންގްގައި އިއްޔެގެ ވަގުތެއްގަ އެވެ. ޕުލްމޭން އަދި މާކިޔުއާ މޯލްޑިވިސްގެ އޭރިއާ ޖެނެރަލް މެނޭޖަރު ޖޯން ބެންޓްސަން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
މިއެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ސޮއިކުރެއްވިއިރު މާކިޔުއާ އާއި ޕުލްމޭން ގެ ފަރާތުން ސޮއިކޮށްފައިވަނީ ޖޯން ބެންޓްސަން އެވެ.
މި އެއްބަސްވުމާއެކު ހޮސްޕިޓާލިޓީ އަދި ޓޫރިޒަމް ދާއިރާއިން ކިޔަވަމުންދާ ކުދިންނަށް މި ދާއިރާއިން ރަނގަޅު ތަމްރީނު ލިބި ދާއިރާއިން މަސައްކަތްކުރުމަށް ގާބިލުކަން ލިބިގެންދާނެ އެވެ.
ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް ގެ ޑީން ޒީނަތު ސޯލިހް ވިދާޅުވީ މި އެއްބަސްވުން ހެދިގެންދިއުމާއެކު ޕުލްމޭން އަދި މާކިޔުއާގެ އެހީއާއެކު ފަތުރުވެރިކަމުގެ ނިޒާމަށް ހޮސްޕިޓާލިޓީ އަދި ޓޫރިޒަމް ސްޓަޑީޒް ކިޔަވައިފައިވާ ކޮލެޓީ ގްރެޖުއޭޓުން ނެރެވިގެންދާނެ ކަމަށެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ނިޒާމަށް ފައިދާކުރާނެ އެއްބަސްވުމެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭގެ ހޮސްޕިޓާލިޓީ ލީޑަރުން ތަމްރީނުކުރުމަށް ފުރުސަތު ލިބޭތީ އުފާ ކުރައްވާ ކަމަށް ޕުލްމޭން އަދި މާކިޔުއާ މޯލްޑިވިސްގެ އޭރިއާ ޖެނެރަލް މެނޭޖަރު ޖޯން ބެންޓްސަން ވަނީ ވިދާޅުވެފަ އެވެ.