ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ރޭ އެވޯޑް ދީފި އެވެ.
މިހަފްލާގައި އަފްރާހް އަހްމަދު (ހެޑް އޮފް ބޭންކިންގ ސޮލިއުޝަންސް) އަދި މޮރޮޓޯރިއަމް ޕްރޮޖެކްޓް ޓީމް ވަނީ 2020
ވަނަ އަހަރުގެ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފަ އެވެ. އަދި ކޮވިޑްގެ ދުވަސްތަކުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވުނު ފަހުރުވެރި ރެކޮގްނިޝަން އެވޯޑް ބޭންކުގެ 17 ޓީމަކަށް ވަނީ ލިބިފަ އެވެ.
މީގެ އިތުރުން ޙައްވާ ޝީނިއާޒް އަދުނާން (ހެޑް އޮފް ލޯން ސަރވިސަސް) ވަނީ 2019 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް
ހޯދާފަ އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބީއެމްއެލްގެ ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް ކަމަށާއި ތިޔަ މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭ ނުހަނު އަގުހުރި ފިލާވަޅެއް ކަމަށެވެ.
ޓިމް އިތުރަށް ވިދާޅުވީ ކޮވިޑްގެ މުއްދަތަކީ ބޭންކަށާއި މުޅިގައުމަށްވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ އެއް ދުވަސްތައް ކަމަށެވެ. މި ދަނޑިވަޅުގައި މެދުނުކެނޑި ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ދެވަނައެއްނުވާ ލާމަސީލް މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދާދި ފަހުން ބޭންކުން ވަނީ ލޯންގް ސަރވިސް އެވޯޑް ދީފަ އެވެ.