އެވިޑް ކޮލެޖްގައި މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯސްވެސް ޖެނިއަރީ އިންޓޭކްގައި ފަށާނެ ކަމަށް އެވިޑް ކޮލެޖުން ބުނެފި އެވެ.
އެވިޑް ކޮލެޖްގެ މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ބަލައި ފާސްކޮށް ހިންގުމުގެ ހުއްދަ ދީފައިވާ ކޯހެކެވެ. އެހެންކަމުން މިއަންނަ އަހަރުގެ ޖެނުއަރީމަހު އެވިޑް ކޮލެޖްގައި އެ ކޯސް ފަށާނެކަމަށް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު ވަނީ ހާމަކުރައްވާފަ އެވެ. މިކޯހަކީވެސް އެވިޑް ކޮލެޖްގައި މުޅިން އަލަށް ފަށާ ކޯހެއް ކަމަށް އެކޮލެޖުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
މިއަންނަ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން އެވިޑް ކޮލެޖްގައި މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ޗެއަރމަން މުސްތާޤް ވިދާޅުވީ މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯހަކީ ތިން ސެމެސްޓަރ ނުވަތަ އެއްއަހަރުދުވަހުގެ މުއްދަތަށް ހިންގޭ ކޯހެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެކޯހުގައި ސެމިނަރ އަކާއި ޑިސަރޓޭޝަނެއް ހިމެނޭގޮތަށް ޖުމުލަ 8 މޮޑިއުލް ހިމަނާފައިވާނެ ކަމުގަ އެވެ. އެއިން ކޮންމެ މޮޑިއުލަކީވެސް ރިސަރޗް ހެދުމަށް ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފައިދާކުރަނިވި މަޢުލޫމާތުތަކެއް އެކުލެވިގެންވާ މޮޑިއުލެކެވެ. ކޯހުގައި ހިމެނޭ މޮޑިއުލްތަކުގެ ތެރޭގައި ކޮންޓިޓޭޓިވް ރިސަރޗް މެތަޑްސް އާއި ކޮލިޓޭޓިވް ރިސަރޗް މެތަޑްސް ގެ އިތުރުން ސްޓެޓިސްޓިކްސް އާއި އިންފޮރމޭޝަން ޓެކްނޮލޮޖީ ފޯރ ރިސަރޗް ފަދަ މުހިންމު މޮޑިލްތައްވެސް ހިމެނެ އެވެ.
އެވިޑް ކޮލެޖްގެ އެހެން ކޯސްތަކެކޭ އެއްފަދައިން މާސްޓަރ އޮފް ރިސަރޗް ސްޓަޑީޒް ކޯހަކީވެސް ދަރިވަރުންނަށް އަތްފޯރާފަދަ އަގެއްގައި ހިންގާ ކޯހެކެވެ. ކޯހުގައި ކިޔަވައިދޭނީ ފެންވަރު ރަނގަޅު ލެކްޗަރާއިންނެވެ. ކިޔަވައިދެއްވާ ބޭފުޅުންނަކީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅުން ނުވަތަ މާސްޓަރސް ކޮލިފިކޭޝަން އާއެކު ގިނަދުވަސްތަކެއްވަންދެން ފީލްޑްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނެވެ.