ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެޗްއާރްސީއެމްގެ ރައީސްއާއި ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މ. ބާރަނާގެ މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް އައްޔަންކުރައްވައިފައިވަނީ މއ. މާވެޔޮގެ ޑޮކްޓަރ އަހްމަދު އަދުހަމް އަބްދުﷲ އެވެ.
އެޗްއާރްސީއެމްގެ ރައީސްގެ މަރްޔަމް މުނާ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީންނެވެ. މަރްޔަމް މުނާ މި މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ އެޗްއާރްސީއެމްގެ މެންބަރެއްގެ މަޤާމުގަ އެވެ.
އޭގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގ ގެ ކޯޕަރޭޓް ސެކްރެޓަރީގެ މަޤާމުގަ އެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަޤާމުތައް މުނާ ފުރުއްވާފައިވެ އެވެ.
ޑޮކްޓަރ އަހްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގުންނެވެ. މީގެ ކުރިން ޑރ އަދުހަމް ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ޑރ އަދުހަމް އަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. ޑޮކްޓަރ އަދުހަމް މި މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ އެޗްއާރްސީއެމްގެ މެންބަރެއްގެ މަޤާމުގަ އެވެ.