ޓްރެފިކް ޖޫރިމަނާއަކާމެދު ހިތްހަމަނުޖެހޭ ނަމަ އެކަމުގެ ޝަކުވާ ހުށަހަޅައި ބެލުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައިފި އެވެ. އަދި އެ ގަވައިދަށް އަމަލުކުރަން ވެސް ވަނީ ފަށާފަ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ މި ގަވައިދު ގެޒެޓްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. މިގަވައިދަށް އަމަލުކުރަން ފަށާފައި ވާއިރު މިގާނޫނުގެ ދަށުން ޖޫރިމަނާއެއް ދަައްކަންޖެހޭ ކޮންމެ މީހަކަށް ޝަކުވާ ހުށަހެޅުމުގެ ހައްގު އޮންނަ އޮންނާނެ އެވެ.
މި ގަވައިދުގެ ދަށުން ޝަކުވާ ހުށަހެޅޭ ތިން ހާލަތެއް އޮވެ އެވެ. އެއީ ޖޫރިމަނާއެއް ކުރީ ޖޫރިމަނާކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތެއްގައި ކަމުގައި ނުވާނަމަ އާއި ޖޫރިމަނާކުރަންޖެހޭ ހަގީގީ ސަބަބު މެދުވެރިވެފައި ނުވުމާއި އަދި ޖޫރިމަނާކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއް ޖޫރިމަނާކުރުމުންނެވެ. މީގެ އިތުރުން ޖޫރިމަނާ އަކީ ގާނޫނުގެ ދަށުން ޖޫރިމަނާކުރަންޖެހޭ ސައްހަ އަދަދު ކަމުގައި ނުވާނަމަ ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.
މިފަދަ ކަމެއްގައި ނަމަ ޝަކުވާ ހުށަހަޅަން 30 ދުވަހުގެ މުއްދަތެއް ގަވައިދުގައި ދީފައިވާއިރު މިކަމުގައި އަމަލުކުރަން ޖެހޭ ގޮތަކީ ޝަކުވާ ހުށަހަޅަން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ފޯމަކުންނެވެ. އަދި މި ފޯމު މިނިސްޓްރީގެ ކައުންޓަރުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން ޝަކުވާ ހުށަހެޅީ ކަމުގައި ބެލެވޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން ޝަކުވާއަކާ ގުޅިގެން ޖޫރިމަނާ ކުރަން މެދުވެރިވި ހާދިސާގެ ރިޕޯޓް ހޯދަން މިނިސްޓްރީން އެދެފިނަމަ އެ ޖޫރިމަނާއެއް ކުރި ސަރުކާރުގެ އިދާރާއަކުން ފަސް ދުވަހުގެ ތެރޭގައި ހާދިސާގެ ރިޕޯޓް މިނިސްޓްރީ އަށް ފޮނުވަންޖެހޭނެ އެވެ.
މިމައްސަލަތައް ބަލާ މުރާޖައާ ކޮމިޓީން ޝަކުވާ ބެލުމަށްފަހު ޖޫރިމަނާކުރީ ގާނޫނުތަކާއި ގަވައިދުގެ ތެރެއިން ރަނގަޅަށް ކަމަށް ނުވަތަ ގޯސްކޮށް ކަމަށް ކަނޑައެޅުމުގެ ބާރު އެކޮމިޓީއަށް އޮންނާނެ އެވެ. އަދި ކޮށްފައިވާ ޖޫރިމަނާއަކަށް ބަދަލު ގެންނަން ވެސް އެކޮމިޓީއަށް ނިންމޭނެ އެވެ.