ހދ ކުމުންދޫ ހެލްތު ސެންޓަރުން ހިދުމަތް 8 ގަޑިއިރުން 16 ގަޑިއިރަށް އިތުރުކޮށްފި އެވެ. އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ ހދ އަތޮޅުން ހިދުމަތް ހޯދާ މީހުންގެ ނިސްބަތަށް ބަލައި ހެލްތު ސެންޓަރުން ހިދުމަތް ފޯރުކޮށްދޭ ގަޑި އިތުރު ކުރުން އެންމެ އައުލާކަން ބޮޑު ހެލްތު ސެންޓަރަކީ ކުމުންދޫ ހެލްތް ސެންޓަރުކަމަށެވެ
އަދި 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހަތަރު ވަނަ އަށް އޯޕީޑީން އެންމެ ގިނަ މީހުން ހިދުމަތް ހޯދާފައިވަނީ ކުމުންދޫ ހެލްތު ސެންޓަރުން ކަމަށާއި އެއީ 4100 މީހުން ކަމަށް ޑޭވިޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ މަރުކަޒުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ދައްކާފައިވަނީ ހަނިމާދޫ ސިއްހީ މަރުކަޒަށް ކަމަށާއި އެއީ 8600 މީހުން ކަމަށެވެ. ދެން އެންމެ ގިނައިން ހިދުމަތް ހޯދި ނޮޅިވަރަމް ސިއްހީ މަރުކަޒުން ވަނީ 7900 މީހުން ޚިދުމަތް ހޯދާފަކަމަށެވެ. އަދި މަކުނުދޫއިން 4400 މީހުން ޚިދުމަތް ހޯދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެ ސިއްހީ މަރުކަޒުތަކަކީ 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ހެލްތު ސެންޓަރުތަކެވެ.
ބޭނުންވާ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާ އެކުގައި ނޫން ކަމުގައި ވިޔަސް މިއީ މިވަގުތުން މިވަގުތަށް ވެސް ކުރަން ވަރަށް މުހިންމުވެފައި އޮތް ކަމެއްކަމަށާއި މިހާރު ވެސް މުވައްޒަފުން މަސައްކަތް ކުރަނީ ހަމައެކަނި 8 ގަޑިއިރު ނޫންކަން ފާހަގަކޮށް އަހުމަދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ހެނދުނު ފަށާ ގޮތަށް ރޭގަނޑު 11 ޖަހަންދެން މުވައްޒަފުން މަސައްކަތް ކުރާކަމަށެވެ.
އެހެންކަމުން މި ބަދަލާއެކު ހެލްތު ސެންޓަރަށް މުވައްޒަފުން އިތުރު ކުރުމުގައި ވެސް ފަސޭހަވެގެން ދާނެކަމަށާއި ސަބަބަކީ 8 ގަޑިއިރުގެ ހެލްތު ސެންޓަރުތަކުގެ އޮނިގަނޑުގައި ހުރި ހުރިހާ މަގާމެއްހެން ހެލްތު ސެންޓަރުގައި ހަމަވެފައި ހުރުމުން އިތުރަށް ރެކްރޫޓް ކުރުމަށް ދަތިވެގެން ގޮސްފަކަން ޑޭވިޑް ފާހަގަކުރެއްވި އެވެ.
އަދި މި ފާއިތުވެ ދިޔަ މުއްދަތުގައި ވެސް ހިދުމަތްތަކަށް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކޭއާރުއެޗުގެ މުވައްޒަފުން މަކުނުދޫ ހެލްތް ސެންޓަރަށް ފޮނުވައިގެން ހިދުމަތްތައް ފޯރުކޮށްދީފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އަލަށް މި ގެނެވުނު ބަދަލާއެކު ހެލްތު ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި އަލަށް ޕްލޭން ކުރެވިފައިވާ އެކްސްޓެންޝަން ނިމުމާއެކު ހެލްތު ސެންޓަރުގައިވެސް ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރާނެކަންވެސް ޑޭވިޑް ވިދާޅުވި އެވެ.
އަދި ހެލްތު ސެންޓަރަށް ބޭނުންވާ އެންބިއުލާންސް ހޯދުމަށްވެސް ސަރުކާރާ އަދި ދާއިރާގެ މަޖިލިސް މެންބަރާ ގުޅިގެން މަސައްކަތް ކުރާނެކަމަށް ވެސް ޑޭވިޑް ވިދާޅުވި އެވެ.
މި ފާއިތުވެ ދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ފާހަގަކޮށް ޑޭވިޑް ވިދާޅުވީ ކުމުންދޫ ހެލްތު ސެންޓަރަށް ވެސް އަންނަނީ ބަދަލުތަކެއް ގެނެވެމުން ކަމަށާއި ސެންޓަރުގެ 15 އަހަރުވީ އިމާރާތުގެ ފުރަތަމަ ބޮޑު މަރާމާތުގެ މަސައްކަތް ފުރިހަމަވަމުންދާކަން ވިދާޅުވި އެވެ. އަދި ހަމަ އެއާއެކު އައިޓީ އިންފްރާސްޓްރަކްޗާރއަށް ވެސް ވަނީ ކުރިއެރުންތަކެއް ހޯދިފައިފަ ކަމަށާއި އަދި މޯބައިލް ލެބުގެ ހިދުމަތް ވެސް މިހާރު ފޯރުކޮށްދެވެމުންކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ އިސްވެރިންނާއި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދާއި އެރަށުގެ ސަރުކާރުގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.