twitterviber whatsapp telegramfacebookyoutube instagram
14th July 2026

މިނިވަން ދުވަހާ ގުޅުވާ ކުމުންދޫގައި މަސްރޭހަކާއި ބާބަކިއުއެއް

ނަބީލާ އިސްމާޢީލް
Jul 14, 2026

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުމުންދޫގައި މަސްރޭހަކާއި ބާބަކިއުއެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ. އެކަން އިންތިޒާމުކުރަނީ ކައުންސިލާއި އެރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތައް ގުޅިގެންނެވެ.

މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާގެ ހެނދުނު 10:00 ގެ ކުރިން މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.

ރަށު ފެންވަރުގައި މިނިވަން ދުވަސް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މި މަސްރޭހުގައި ކުމުންދޫ ކޮންމެ އުމުރެއްގެ ފަރާތަކަށްވެސް ބައިވެރިވެވޭނެ އެވެ.

މަސްރޭހަށް ފުރުމަށް ހަމަޖެހިފައިވަނީ 26 ޖުލައިވަނަ ދުވަހު ހެނދުނު 7:30 ގައެވެ. އަދި ލެފުމަށް ހަމަޖެހިފައިވަނީ 14:00ގަ އެވެ. މަސްރޭހުގައި ބައިވެރިވާ ޓީމުތަކަށް ދަތުރުގެ ތެޔޮ ހަރަދަށް 500 ރުފިޔާ ކޮންމެ ޓީމަކަށް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ބާބަކިއުއާ ގުޅޭ

މިނިވަން ދުވަހު މަސްރޭހަށް ފަހު އެ ދުވަހުގެ ހަވީރު 4:00 ބާބަކިއުއެއް ބާއްވަންވެސް ނިންމާފަ އެވެ. ކައުންސިލުން ބުނީ މި ބާބަކިއު ކުރިއަށްދާއިރު ކުޑަކުދިންނާ ގުޅޭ ބައެއް ހަރަކާތްތައްވެސް ކުރިއަށްދާނެކަމަށެވެ.

ބާބަކިއު އިންތިޒާމުކުރުމުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވަން ބޭނުންވާ ފަރާތްތަކަށާއި ބާބަކިއު ހެދުމަށް ބޭނުންވާ ނާށި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ވޮލެންޓިއަރެއްގެ ގޮތުގައި ބައިވެރިވުމަށް ނަން ނޯޓްކުރުމަށާއި ނާށި ހަދިޔާކުރަން ބޭނުންނަމަ ކައުންސިލުގެ ލީގަލް އޮފިސަރު އުބައިދުﷲ ޝަރީފް (ފޯން: 7655565) އާ ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355