twitterviber whatsapp telegramfacebookyoutube instagram
2nd May 2025

ހޮނިހިރު ބާޒާރު ސަރަހައްދު އަންނަ އަހަރު ތަރައްގީކުރަން ވާނީ ނިންމާފައި: ޑެޕިއުޓީ މޭޔަރު

އަބްދުލް ވާހިދު ޙަސަން
Nov 19, 2021
5

އުތުރުގެ ގިނަ ބަޔަކު އެއްވެ ދިވެހި އުފެއްދުންތައް ގަނެވިއްކާ ކުޅުދުއްފުށި "ހޮނިހިރު ބާޒާރު"ގެ އަސްލު ނުގެއްލޭނެހެން ޒަމާނީ ގޮތަކަށް އެތަން ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

ގެވެށި އަންހެނުންނާއި އަންހެން ވިޔަފާރިވެރިންގެ ދުވަހު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހިޔަލަ އެކްސްޕޯ ހުޅުވުމުގެ ގޮތުން މިއަދު އަމީރު އަމީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ގިނަ ބަޔަކު އެއްވެ ތަކެތި ވިއްކަމުންދާ ހޮނިހިރު ބާޒާރަކީ މި ޒަމާނަށް ބަލާއިރު އެންމެ ފުރިހަމަ ވަސީލަތްތަކާއެކީގައި ކުރިއަށްދާ ބާޒާރެއް ނޫން ކަމަށެވެ.

"އެހެން ވީމަ އަޅުގަނޑުގެ އުންމީދަކީ ޒަމާނީ ވަސީލަތްތަކާއެކީގައި ގަނެވިއްކުމުގެ ކަންތައްތައް ފަސޭހަ ނިޒާމެއްގެ ތެރެއިން، އެތަނުގެ(ހޮނިހިރު ބާޒާރުގެ) އަސްލު ނުގެއްލޭނެ ފަދައިން އެތަން އިތުރަށް ތަރައްގީވެގެން ދިޔުން." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ހޮނިހިރު ބާޒާރެއް އަންނަ 2022 ވަނަ އަހަރު ތަރައްގީކުރުމަށް ހަމަަޖެހިފައިވާ ކަމަށެވެ.

ފެރީ ނިޒާމު އޮންނަގޮތުން ރަށުގައި އުފައްދާ ތަކެތި ވިއްކުމުގައި ދަތިތައް އެބަކުރިމަތިވާކަން ފާހަގަކުރައްވަމުން ޑެޕިއުޓީ ވިދާޅުވީ، މިހާރު ފެރީ ނިޒާމު އޮންނަނީ އެ ދުވަހު ކުޅުދުއްފުށިން ފުރައިގެން އަނބުރާ އާދެވޭ ގޮތަކަށް ނޫން ކަމަށާއި އެހެންނަމަވެސް އިންޓަގްރޭޓެޑް ފެރީ ނިޒާމާއެކު އެ ދުވަހު ގޮސް އެ ދުވަހު ކުޅުދުއްފުއްޓަށް އެނބުރި އާދެވޭނެ ކަމަށެވެ.

އެހެންވުމުން މިރަށުގައި އުފައްދާ ތަކެތި ކައިރި އެހެން ރަށްރަށަށް ވިއްކުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑު ފަހިވެގެންދާނެކަން ޑެޕިއުޓީގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އަދި ޑިސެމްބަރު މަސްތެރޭގައި މޯލްޑިވްސް ޕޯސްޓް ސާވިސްގެ އީ-ޓުކުރީގެ ކޮމިއުނިޓީ ޝޮޕެއް ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށާއި އެހެންވުމުން އީ-ޓުކުރީގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިފުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ. އީ-ޓުކުރި މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ބައިނަލްއަގުވާމީ ފެންވަރެއްގައިވެސް ތަކެތި އުފައްދާ ފަރާތްތަކަށް އެ ޕްރޮޑަކްޓްތައް ވިއްކުމުގެ މަގު އެބަ ފަހިވެގެންދާނެ އެވެ.

ގެވެށި އަންހެނުންގެ މަސައްކަތާއި އަންހެން ވިޔަފާރިވެރިންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައި ވާހަކަދައްކަވަމުން ޑެޕިއުޓީ ވިދާޅުވީ އެ މީހުންގެ ސަބަބުން އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް ގެންނަ ކަމަށެވެ. އަދި ކުރިއަށް މިއޮތް 2022 ވަނަ އަހަރު ގެވެށި މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދާނެކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355