twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރަށުން ތެރެޕީ ލިބި ބޮޑު ހިތްހަމަޖެހުމެއް

ނަބީލާ އިސްމާޢީލް
Nov 21, 2021

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ސްޕީޗް ތެރަޕީ ހިދުމަތާއެކު އެ ހިދުމަތް ބޭނުންވެފައިވާ އެތަށް މައިންބަފައިންގެ އުންމީދުތައް އާވެއްޖެ އެވެ.

ގިނަ މައިންބަފައިނަކީ ދަރިފުޅަށް ބޭނުންވާ ސްޕީޗް ތެރަޕީގެ ހިދުމަތް ރަށުން ނުވަތަ ސަރަހައްދުން ލިބެން ނެތުމުގެ ސަބަބުން އެ ހިދުމަތް ކިތަންމެ ބޭނުންވި ނަމަވެސް ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭތީ ނުދެވި ދަރިފުޅަށް ފަރުވާ ހޯދާނުދެވިފައިވާ ބެލެނިވެރިންނެވެ.

ނަމަވެސް ކޭއާރުއެޗުން މި ހިދުމަތް ލިބެން ހުރުމަކީ ހަމަ އެކަނި ކުޅުދުއްފުށީގައި ދިރި އުޅޭ ރައްޔިތުންނަށް ލިބިގެންދިޔަ ލުއި ފައްސޭހައެއް ނޫންކަން ޔަގީނެވެ. މިއީ ފެރީގައި ދަތުރުކޮށްލާފައި އާދެވެން އޮތް މި ސަރަހައްދުގެ ގިނަ ރަށްތަކުގައި ދިރިއުޅޭ ބެލެނިވެރިންނަށް ލިބިގެން ދިޔަ ހަމަޖެހުމަކަށް ވާނެ އެވެ.

ފަރުވާ ލިބޭނީ ނުވަތަ ރަނގަޅުވާނީ ކިހާ މުއްދަތަކުން ކަން ނޭގޭ މިފަދަ ހިދުމަތެއް ހޯދުމަށް މާލެ ގޮސް ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޖެހުމަށް ވުރެން އެ ދުވަހު އައިސް ތެރަޕީނަގައިގެން އަނބުރާ ރަށަށް ދެވޭފަދަ ރަށަކުން ހިދުމަތް ލިބުން މިއީ ލުއިފައްސޭހަވެފައި ހަރަދު ކުޑަވެސްވާނެ ކަމެކެވެ.

ތުއްތު ކުދިން ހެދިބޮޑުވަމުން އަންނަ އިރު ކުރިމަތިވާ އެކިއެކި ނަފްސާނީ މައްސަލަތަކަށް ބޭނުންވާ އަރލީ އިންޓަރވެންޝަން އަދި ފަރުވާ އަތޮޅުތެރެއިން ލިބެމުން ދިއުމަކީ އެފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައިވާ އެތައް މައިންބަފައިންނަކަށް ލިބިގެންދިޔަ ލުއިފަސޭހައެއް ކަމާއިމެދު ދެބަސްވާނެ ރައްޔިތަކު ނުހުންނާނެވެ.

އެފަދަ އެއްފަރާތަކީ ކުޅުދުއްފުށީ ޒާހިރާ މުހައްމަދެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އޭނާވެސް ރަށުން މި ހިދުމަތް ލިބެން ނެތްނަމަ ވަކި މުއްދަތެއް ނޭގޭ ގޮތަށް ދަރިފުޅު ރަނގަޅުވަންދެން ހިދުމަތް ހޯދުމަށް ދާންޖެހޭނީ މާލެ ކަމަށެވެ. އޭނާ ފާހަގަ ކުރީ މިހާރު ރަށުން މި ފަރުވާލިބި ދަރިފުޅު ރިކަވާވަމުން އަންނާތީ ވަރަށް އުފާ ކުރާކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅު 1 އިއާ ވީ އިރުވެސް އެއްވެސް ބަހެއްނުވެސް ބުނޭ، އަޅުގަނޑަށްވެސްވެސް ފާހަގަވާން ފެށީ މަންމަވެސް ނުކިޔާތީ ދޯ، ދެ ފުރަތަމަ ދެއްކީ ހަމަ ކުޑަކުދިންގެ ޑޮކްޓަރަކަށް، ދެއްކީމަ ބުނީ ޖެހޭނީ ހަމަ ތެރަޕިސްޓަކަށް ދައްކާށޭ، އެ އިރުނެތް މި ރަށުގަ ތެރަޕިސްޓެއް، ތެރަޕިސްޓަކަށް ދައްކަން މާލެދާން އަޅުގަނޑުމެން ގަސްތުކުރީ، އޭގެވެސް ހައެއްކަމަސްފަހުން މި ކޮޅަށް ޑޮކްޓަރެއް އަންނަ ހަބަރު ލިބުނީ، އެ ހިސާބުން ތެރަޕީބައި ކުރިއަށްދިޔައީ" ޒާހިރާ ކިޔާދިނެވެ.

މިއީ މިފަދަ ހިދުމަތެއް ބޭނުންވެފައިވާ ކޮންމެ މައިންބަފައިންނެއްވެސް ބޭނުންވާނެ އަދި އުންމީދު ކުރާނެ އުންމީދެވެ. ކޮންމެ މައިންބަފައިންނެއްވެސް ބޭނުންވާނީ ދަރި ގަދަވެ ސަލާމަތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމެވެ.

މިއީ ކޭއާރުއެޗުގެ ހިދުމަތް ފުޅާވެ ކާމިޔާބު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުވައިދެވެން ފެށުމުގެ އަލިމަގެކެވެ. އެ ހޮސްޕިޓަލުގައި ރަސްމީކޮށް ސްޕީޗް ތެރަޕީ ހިދުމަތް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ މާރޗް 7 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355