ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓްގައިވާ ވަގުތަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ހާޒިރުނުވުމުން އެއޮފީސް 250 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ޕީޖީ އޮފީސް ޖޫރިމަނާކުރީ 2010 ވަނަ އަހަރު މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ޖަލަށް ލާފައިވާ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހް 12 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުމަކަށް ގަޑިއަށް ހާޒިރު ނުވުމުންނެވެ.
ޝަރީއަތް ފެށުމަށް ހަމަޖައްސާފައި އޮތީ ހެނދުނު 9:00 ޖަހާއިރު އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަށް ޕީޖީ އޮފީހުގެ ވަކީލުންނަށް ހާޒިރުވެވުނީ އޭގެ 11 މިނެޓް ފަހުންނެވެ.
މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ "ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް." ކަމަށެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ކޯޓުން ފޮނުވާ ޗިޓެއްގައި ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައިވާނަމަ އެއީ ކޯޓު އަމުރެއް ކަމަށް ދެކި އެގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރަންޖެހޭނެ ކަމަށެވެ. މިއަދުގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ގަޑިޖެހިފައިވާތީ އެކަން ތަކުރާރުނުކުރަން އިލްތިމާސް ކުރައްވަމުން ފަނޑިޔާރު ސުއޫދު ވަނީ ޕީޖީގެ ވަކީލުން 250 ރުފިޔާ އިން ޖޫރިމަނާކުރައްވާފަ އެވެ.
ޖޫރިމަނާގެ ފައިސާ ހަތް ދުވަސް ތެރޭ ދައްކަން ޖެހޭނެ ކަމާއި ނުދައްކައިފިނަމަ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުންނަށް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީޢަތްތަކަށް ނުވަދެވޭނެ ކަމަށް ވެސް ފަނޑިޔާރު ސުއޫދު މިއަދު ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވެވި އެވެ.
މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ، މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.