twitterviber whatsapp telegramfacebookyoutube instagram
1st May 2024

ބޮލަށް ވެއްޓެން ކައިރިވެފައި ހުރި އިމާރާތެއްގެ ތެރެއަށް ދަރިވަރުން ލުމަކީ ނުރައްކަލެއް ނޫންކަމަށް ދެކުމަކީ އަޖައިބެއް:އިޔާޒް

ނަބީލާ އިސްމާޢީލް
Nov 27, 2021

އެތައް ސަތޭކަ ދަރިވަރުންތަކެއް ބޮލަށް ވެއްޓެން ކައިރިވެފައި ހުރި އިމާރާތެއްގެ ތެރެއަށް ލުމަކީ ނުރައްކަލެއް ނޫންކަމަށް ދެކުމަކީ އަޖައިބެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ މާލޭ އަރަބިއްޔާ ސްކޫލުގައި އިމާރާތުގައި ރެނދުލައި، އެތަން ވީރާނާވަމުން ދާތީ ބެލެނިވެރިން ނުރުން ފާޅުކުރުމުންނާއި އަރަބިއްޔާ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ، އެ އިމާރާތުން ދަރިވަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވުމުން އެކަމާއި ރައްދު ދެއްވަމުންނެވެ.

އަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ރެނދުލައި، އެތަން ވީރާނާވަމުން ދާތީ އެ ސުކޫލުގެ ބެލެނިވެރިން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މީސްމީޑިއާގައި ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ މިކަމާ ނުރުހުން ފާޅުކުރައްވައިފައެވެ.

މިކަމަށް ފާޑުވިދާޅުވެ އިޔާޒު ކުރެއްވި ޓްވީޓްގައިވަނީ " އެންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސްތަރީގެ ހޮޓަލެއްގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ބެހެއްޓުނުއިރު, އެތައް ސަތޭކަ ދަރިވަރުންތަކެއް ބޮލަށް ވެއްޓެން ކައިރިވެފައި ހުރި އިމާރާތެއްގެ ތެރެއަށް ލުމަކީ ނުރައްކަލެއް ނޫންކަމަށް ދެކުމަކީ އަޖައިބެއް." މިފަދައިންނެވެ.

އިތުރަށް އިޔާޒު ވިދާޅުވީ ގައުމަށް ހަގީގީ ތަރައްގީ އަންނާނީ ޢަދުލު އިންޞާފު ގާއިމުވެގެން ކަމަށާއި ބޮޑުންގެ ސަލާމަތާއި ރައްކާތެރިކަން މުހިއްމުވާ ފަދައިން ޢާއްމު ރަޢްޔިތުންނާއި މެދުގައިވެސް އެގޮތް ދެކިގެން ކަމަށެވެ. އެހެން ނޫންނަމަ ކިތަންމެ ގިނަ ބުރިޖެއް އެޅިޔަސް ގައުމު ތަރައްގީ އެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ހޮޓެލް ޖެންގައި ބެހެއްޓުމަށް ސަރުކާރުން ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިމަހު 10 ވަނަ ދުވަހު ބުނެފަ އެވެ. މީގެ އިތުރުން، ޖަރުމަންވިލާތާއި އިނގިރޭސިވިލާތުގައި ނަޝީދުގެ ބޭސް ފަރުވާއަށް 1.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަ ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355