ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރު ތަންފީޒު ކުރުމަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު އަންގާފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް އެ ކޯޓަށް ހުށަހެޅުމުން ކަމަށެވެ.
ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ދިވެހި ބަހުން ލިޔެފައިވާ އެހެނިހެން ދީންތަކުގެ ފޮތްތަކެއް ވެސް ނެރެފައިވެއެވެ. ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކި އެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ.