twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕިޗްއަޕް: ޔޫތު އޮންޓްރޮޕްރިނުއަރޝިޕް ޗެލެންޖުގެ ފަހު މަރުހަލާ ފަށައިފި

މުޙައްމަދު އަހުމަދު
Dec 1, 2021

"މީރީ" ޕްރޮޖެކްޓުގެ ފަރާތުން ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ހިޔާލެއް ހުށަހަޅައި، އެ ހިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއެއްގެ ސިފަ ޖެއްސުމަށް ފަރުމާކޮށްފައިވާ "ޕިޗްއަޕް ޔޫތު އޮންޓްރޮޕްރިނުއަރޝިޕް ޗެލެންޖު"ގެ ފަހު މަރުހަލާ ފަށައިފި އެވެ.

މީރީޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަނަވަސްކޮށްދީ،ބާރުވެރިކޮށް،ކާމިޔާބު ބަޔަކަށް ހެދުމަށް ވޯލްޑްބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

"ޕިޗްއަޕް"އަކީ އާ ވިޔަފާރިއެއް ތަރައްޤީ ކުރާނޭގޮތުގެ ހިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި، ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ.

18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މިމުބާރާތަށް ފަތުރުވެރިކަމާ، ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތް، އައި.ސީ.ޓީ އަދި ދަނޑުވެރިކަމުގެ މަސައްކަތުގެ ދާއިރާއިން ޖުމުލަ 192 ޚިޔާލު ހުށަހެޅުނެވެ.

މިހުށަހެޅުންތަކުގެ ތެރެއިން ފާހަގަކޮށްލެވުނު ހިޔާލުތައް ޝޯޓްލިސްޓުކޮށް އެ ހިޔާލުތައް ހުށަހެޅި ފަރާތްތަކަށް ވަނީ ވިޔަފާރީގެ ދާއިރާއިން ތަމްރީނު ދިނުމަށްޓަކައި 6 ދުވަހުގެ ބޫޓު ކޭމްޕް ތަމްރީނެއްވެސް ހިންގާފަ އެވެ. އެއަށްފަހު ތަފްސީލީ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޖުމުލަ 73 ޕްރޮޕޯސަލް ވަނީ ލިބިފަ އެވެ.

ބައިނަލްއަޤްވާމީ ފަނޑިޔާރުންވެސް ހިމެނޭގޮތަށް އެކުލަވާލި ޕެނެލަކުން މިޕްރޮޕޯސަލްތައް ވަޒަންކޮށް މިމަރުހަލާއިން ފާސްވި ފަރާތްތައް މިހާރުވަނީ މުބާރާތުގެ އެންމެފަހު މަރުހަލާއަށް ވާސިލްވެފަ އެވެ. މިމަރުހަލާގައި ލިބިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ފާސްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރީގެ ހިޔާލު ޖަޖުންގެ ޕެނަލްއަށް ހުށަހަޅާނެ އެވެ. މިމަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 - 6 އަށެވެ.

5 އޭޕްރިލް 2021 ގައި ހުޅުވާލި "ޕިޗްއަޕް ޔޫތު އޮންޓްރޮޕްރިނުއަރޝިޕް ޗެލެންޖު" މުބާރާތަށް ޒުވާނުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މި މުބާރާތުން މޮޅުވާ ފަރާތްތަކަށް ވިޔަފާރި ފެށުމަށް 600000 ރުފިޔާއާއި ހަމައަށް ހިލޭ މާލީ އެހީ ފޯރުކޮށްދޭނެ އެވެ. މުބާރާތް ކާމިޔާބުކުރާ ފަރާތްތައް އިއުލާނުކުރުމުގެ މަސައްކަތް ޑިސެމްބަރުމަހުގެ ތެރޭގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355