މުހައްމަދު އިސްމާއިލް
– ޖޫން މަހުން ފެށިގެން އެޕޮއިންޓްމަންޓް ސިސްޓަމެއް ތައާރަފް ކުރާނެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިން އަގު ނުނަގާ ބައެއް ޚިދުމަތްތަކަކަށް ޖޫން މަހުން ފެށިގެން ފީ ނަގަން ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ކޯޕަރޭޝަން އިން ބުނެފިއެވެ.
މަތި އުތުރު ސަރަޙައްދުގައި ހިމެނޭ ހުރިހާ ރަށެއްގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އަޕަރ ނޯތު ހެލްތު ކޯޕަރޭޝަން އިން ނެރުނު އިއުލާނުގައި ވަނީ އެކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ހއ. އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލުން މިހާރު އަގު ނަގަމުން ދާ ޚިދުމަތްތަކުގެ އިތުރުން ބައެއް އިތުރު ޚިދުމަތްތަކަށް ޖޫން މަހުން ފެށިގެން ފީ ނަގަން ފަށާނެއެވެ.
އެގޮތުން ކޮންސަލްޓޭޝަން ފީގެ ގޮތުގައި ޖެނެރަލް ޑޮކްޓަރުންނަށް އަދި ސްޕެޝަލިސްޓުންނަށްވެސް ދެއްކުމަށް ނަގަނީ -/25 ރުފިޔާއެވެ. އަދި ބިދޭސީންގެ އަތުން ސްޕެޝަލިސްޓުންނަށް ދެއްކުމަށް -/40 ރުފިޔާ ނަގާއިރު ޖެނެރަލް ޑޮކްޓަރަކަށް ދެއްކުމަށް ނަގަނީ -/30 ރުފިޔާއެވެ. މީގެ އިތުރުން އެޑްމިޝަން ފީގެ ގޮތުގައި ދިވެހިންނަށް -/65 ރުފިޔާ ހަމަޖެހިފައިވާއިރު ބިދޭސީންނަށް ހަމަޖެހިފައިވަނީ -/130 ރުފިޔާ ކަމުގައި އެކޯޕަރޭޝަންގެ އިއުލާނުގައި ވެއެވެ.
ސްޕެޝަލިސްޓުންނަށް ދެއްކުމަށް ދައްކާ -/25 ރުފިޔާގެ ރިސިޕްޓުން 5 ދުވަސް ވަންދެން އެޑޮކްޓަރަށް ދެއްކޭނެކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
ހެލްތު ކޯޕަރޭޝަންގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި މި ބައެއްޚިދުމަތްތަކަށް ފީ ތައާރަފް ކުރިކަމުގައި ވިޔަސް މަދަނަ އާއި އެލައިޑް ކަސްޓަމަރުންނަށް އިންޝުރެންސްގެ ތެރެއިން އެބައި ކަވަރ ކުރެވޭނެ ކަމަށެވެ.
އަޕަރ ނޯތުގައި ހުރި ސިއްހީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށްވެސް ބައެއް ޚިދުމަތްތަކަށް އައީ ފީނަގަމުންނެވެ. އެގޮތުން ލެބޯޓްރީ ޚިދުމަތާއި އެކްސްރޭ އަދި ފިޒިޔޮތެރަޕީގެ ޚިދުމަތްތަކަކީ އަބަދުވެސް ފީ ނަގަމުން އަންނަ ޚިދުމަތްތަކެވެ.
ޖޫން އިން ފެށިގެން ބައެއް ޚިދުމަތްތަކަށް ފީ ތަޢާރަފް ކުރާއިރު ޖޫން 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޕޮއިންޓްމަންޓް ސިސްޓަމެއް ތައާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯޕަރޭޝަންއިން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ. އެއީ ރަށްރަށުން އަންނަ ދަތުވެރިންނާއި ކުޅުދުއްފުށިން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ފަށާ ސިސްޓަމްއެއް ކަމަށް ކޯޕަރޭޝަންގެ އިއުލާނުގައި ވެއެވެ. އެގޮތުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ދުވަހުގެ ކުރީ ދުވަހު އެޕޮއިންޓްމަންޓް ރިޒާވް ކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ. އަދި ވަރަށް އަވަހަށް ހަފްތާއެއް ކުރިޔަށް އެޕޮއިންޓްމަންޓް ރިޒާވް ކުރެވޭނެގޮތް އިންތިޒާމް ކުރާނެ ކަމަށް ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އަދި ކިއޫނަންބަރު އެސްއެމްއެސް އަކުން ބަލާލެވޭނެ ގޮތަށް ސިސްޓަމެއް ފަރުމާ ކުރެވެމުންދާކަމަށް އެކޯޕަރޭޝަންއިން މައުލޫމާތު ދެއްވިއެވެ.