އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ ޑްރަގް މައްސަލައެއްގައި ތުހުމަތުވާ ދިވެއްސަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފި އެވެ.
ރެޑް ނޯޓިސްގައިވާ ގޮތުގައި ހޯދަމުންދާ މީހާ އަކީ އަލީ ރަޝީދު ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ މީހެކެވެ. އޭނާ އަށް އަޒްލިފް މުހައްމަދު ކިޔާ ކަމަށްވެސް ނޯޓިސްގައިވެ އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި ވިޔަފާރި ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ރެޑް ނޯޓިސް ބުނާ ގޮތުގައި، ކެނަބިސް އުފައްދައި، އެތެރެކޮށް، އެ ގަނެ ވިއްކުމުގެ މުއާމަލާތްކުރުމުގެ އިތުރުން އެއްތަނުން އަނެއްތަނަށް އެ އުފުލައި އެތެރެކޮށް ބޭރުކުރުމަކީ އިންޑިއާގެ ގާނޫނުގައި ހަރުކަށި އަދަބު ދެވޭ ކުށެކެވެ. އަދި އެ ފަދަ ކަމެއް ކުރުމުގެ ތެރޭގައި ކެނަބިސް އަތުލައިގަނެވި އެ އަދަދަކީ ވިޔަފާރިކޮށް ފައިދާ ހޯދޭނެ މިންވަރެއް ކަމުގައިވާނަމަ 10 އަހަރާއި 20 އަަހަރާ ދެމެދުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހެއެވެ. އަދި އެއް ލައްކައާއި ދެ ލައްކަ ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭނެއެެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައި ސަރަހައްދީ ގައުމުތަކާއި އެހެން ބައެއް ގައުމުތަކުން ވެސް ދިވެހިން މީގެކުރިން ހައްޔަރުކޮށްފައިވެ އެެވެ.
ދިވެހި ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާ ބައެއް މައްސަލަތަކުގައި ވެސް ބައެއް ދިވެހިން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވެ އެވެ.``