ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ވަރަށް އިންޑިއާގެ ނުފޫޒު ގަދަކޮށް، ބާރުވެރިކަން ހިންގަން މަސައްކަތްކުރާ ކަމަށާއި މިއީ އެ ގައުމުގެ އަވަށެއް ނޫން ކަމަށް އަދި މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އިއްވި ޖަލު ހުކުމުން މިނިވަންވުމަށް ފަހު ރޭ ކާނިވަލުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އިންޑިއާއާ އޮންނަ ގުޅުންތަކުގެ ސަބަބުންނެވެ. މި ގުޅުންތަކުގެ ތެރެއިން އިންޑިއާގެ ސިފައިންނަށް ރާއްޖެ އިން ޖާގަ ދީފައިވާ ކަމަށާއި މިއީ އެ ގައުމުގެ އަވަށެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވަނީ ގޮވާލާފަ އެވެ.
މި ގައުމުން އިންޑިއާގެ ސިފައިންނަށް ޖާގަ އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ވަނީ ހިޔާނާތްތެރި ރޭވުމެއްގެ ދަށުން ކަމަށެވެ.
މިގައުމުގެ އަމަން ބަލަހައްޓަން މިތަނުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭނެ ކަމަށާއި އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަންކަމަށް ވެސް ޔާމީން ގޮވާލެއްވި އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިއިރު ދިވެހި ސިފައިން އެކަން މާބޮޑު ކަމަކަށް ނުހަދައި ތިބި ކަމަށް ވިދާޅުވެ ޔާމީން ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އެއީ މާތްﷲ ގަންދީ ހުވައެއް ކޮށްގެން ތިބި ސިފައިންތަކެއްގެ އަމަލުތައް ހުރެގެންވާނެ ގޮތެއް ނޫން ކަމަށާއި އެ ހުވާ ކޮށްގެން ތިބީ ގައުމާއި ދީނާއި މިނިވަންކަން ހިމާޔަތްކުރަން ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.