twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރައީސް ޔާމީން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި

Apr 18, 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި އެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

ވަރަށް ބޮޑަށް ދިގުލައިގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު ހުކުމްކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. އެހެންވެ، އެ މަނިކުފާނު މިނިވަންކުރަން އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި، އެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ވެސް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ހައި ކޯޓުން މިރޭ ކުރި ހުކުމުގައިވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކަމަށް ވާއިރު، ރިޝްވަތު މައްސަލާގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ނެތިގެންދާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ބައެއް ފުރުސަތު ގެއްލި، ބައެއް ހައްގުތައް ގެއްލިގެން ގޮސްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބަލަން އަމުރު ކުރުމާ އެކު، އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ފަށާނެ އެވެ. އަދި ރ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އުފުލާފައި އެބައޮތެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ބަންދުވި އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތްނަމަ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އެވެ.

އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުއްވި ނަމަވެސް އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355