twitterviber whatsapp telegramfacebookyoutube instagram
28th April 2024

ރައީސް ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ މީހަކު ސަރުކާރުގައި ނުހުންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Feb 19, 2024

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އެކަމަށް ހުރަސް އަޅާނެ މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި, ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން ދަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.

"އެއްވެސް ވަޒީރަކު, އެއްވެސް ކުންފުންޏެއްގެ ވެރިއަކު, އެއްވެސް އެމްޕީއަކު, ސަރުކާރުގެ އެއްވެސް މީހަކު ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ކޯޓުތައް އެ ހިނގަނީ އެއްވެސް ނުފޫޒެއް ނެތި،" ރައީސް ވިދާޅުވި އެވެ.

ޖުޑިޝަރީ މިނިވަން ކުރުމާ ގުޅުވައި, ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒު އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވާހަކަ އެވެ.

ޖުޑިޝަރީގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ޝަރީއަތުގެ ތެރެއިން އެމަނިކުފާނަށް ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ. އަދުލުވެރިކަން ފުރިހަމަ މިނުގައި ސާވް ކުރާ ސަރުކާރެއް މި ސަރުކާރަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ, ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫންކަން ސާބިތުކޮށްދިނުމުން އެމަނިކުފާނު މިނިވަންވާނެ ކަމަށް ބުނެ ޔޫތު މިނިސްޓަރުގެ ޑެޕިއުޓީ މަރިޔަމް ޝިއުނާ ފާޅު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވިސްނުން ކަމަށް ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައި ވަނިކޮށެވެ.

"ރައީސް ޑރ. މުއިއްޒުގެ އެތެރެ ކޮއިލުގެ ބޭފުޅުން މިފަދަ ބޭއިންސާފުން ވާހަކަ ދެއްކެވީމަ އެކަމުން ސާބިތުވަނީ މިއީ ޑރ. މުއިއްޒުގެ ވިސްނުންކަން. އަދި ރިޔާސީ ކެމްޕެއިނުގެ ތެރޭ ރައްޔިތުންނަށް އޮޅުވާލެއްވީކަން. މިހާރު މައްސަލައަށް އަތް ބާނުއްވަނީ ކޮން ބައެއްކަން ސާފު. އަނިޔާވެރިކަން ނިމެނޭނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެއިރު އިދިކޮޅު ފަރާތްތަކުން އެ ހުކުމް ސިފަ ކުރީ އެއީ "ހަރާމް ހުކުމެއް" ގެ ގޮތުގަ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. ނަމަވެސް ސަރުކާރުން މިހާރު ބުނަނީ ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ޝަރީއަތަށް ސަރުކާރުން ނުފޫޒު ނުފޯރުވަން ކަމަށާއި ޔާމީން މިނިވަންކުރަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު މިހާރު ފުދިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355