އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ ހަތަރު ސިޓީގައި ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދަވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަހްމަދު ޒާހިރު މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީގައި ކުރިޔަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސިޓީތަކަށް ފަހު ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވިސްނައިފައިވާ ކަމަށެވެ. އަދި މާލެ ސިޓީގައި ވެސް މީގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މާލޭގައި ނިންމާލި ޕްރޮގްރާމާމެދު މިނިސްޓަރު ވިދާޅުވީ މިޕްރޮގްރާމްގެ ބައިވެރިންނަށް ވަރަށް ގިނަ މައުލޫމާތު ލިބިގެންދިޔަ ކަމަށާއި އޭގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި ވަރަށް ގިނަ ފަހަރު އެހެން އުޅޭއިރު ކުރީގައި އުނގެނިފައި ހުރި އެއްޗެއް ހަނދާން ނެތިދާނެކަމާއި އެހެންނަމަވެސް ތަޒާކޮށްލީމާ ކަންކަން ހަނދާންވެ ދިމާވާ ކަންކަން ހައްލުކުރަން ފަސޭހަވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިޕްރޮގްރާމުން އެލިބުނީ ވަރަށް ގިނަ މައުލޫމާތުތަކެއް ކަމަށާއި އެހެންކަމުން އެލިބުނު މައުލޫމާތުގެ ބޭނުން ރަނގަޅަށް ހިފުމަށް މިނިސްޓަރު ވަނީ އެދިލައްވާފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި މިޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ އިމާމުންނާއި ޚަތީބުން މަސައްކަތް ކުރާއިރު އެމަސައްކަތަކީ އާންމުން ބަލައިގަންނަ މަސައްކަތް ތަކަކަށް ހެދުން ކަމަށެވެ.
ބައެއް ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ ޝަކުވާ ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން އެކަންކަމަށް ހައްލު ހޯދައިދިނުމަށް ބޭނުންފުޅުވާކަމަށާއި އަދި ކުރިއަށް އޮތްތާ މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ބައިވެރިންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.