twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަންވެއިލިންގ ވިޝަންސް 2021 މައުރަޒު ފަށައިފި

މުޙައްމަދު އަހުމަދު
Dec 5, 2021

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިންގ ވިޝަންސް 2021" ފަށައިފި އެވެ.

މިއަދު ހަވީރު ފެށި "އަންވެއިލިންގ ވިޝަންސް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ހަވީރު ނެޝަނަލް އާރޓް ގެލެރީގައި ކުރިއަށްދާ މި މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވި އެވެ. އަދި އެމަނިކުފާނު ވަނީ 'މޯސްޓް ވައިބްރަންޓް އާޓިސްޓްސް" އަށް ހޮވުނު 5 ކުރެހުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވަނީ ނެޝަނަލް އާޓް ގެލެރީގެ 'ވަރޗުއަލް ގެލެރީ' އިފްތިތާހްކޮށްދެއްވާފަ އެވެ.

މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން "އަންވެއިލިންގ ވިޝަންސް 2021" އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެ އެވެ. މި ފަހަރުގެ މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކާލައި، އެމީހުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ކުރެހުމެއް ވެދުމަށް އަރުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355