twitterviber whatsapp telegramfacebookyoutube instagram
21st November 2024

ރިފާގެ އަޒުމް، ބައިނަލްއަގްވާމީ ކާމިޔާބަކާ ދިމާލަށް

މުޙައްމަދު އަހުމަދު
Dec 11, 2021

ކުޑައިރު ނެތް ޝައުގުވެރިކަމެއް ފަހުންވެސް އުފެދިދާނެ އެވެ. 2013 ވަނަ އަހަރު ސްކޫލުގައި ބޭއްވި އެތްލެޓިކްސް މީޓްގެ 9 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އެތްލީޓް ހާސިލްކުރި ކުޅުދުއްފުށީ ޖައުޒާގޭ، ރިފާ މުހައްމަދުގެ އެތްލެޓިކް ކެރިއަރުގެ ބިންގަލަކީ އެއީ އެވެ. އެދުވަހު ކުރި މިންނެތް މަސައްކަތުން ހޯދި އެކާމިޔާބީއާއެކު އެތްލެޓިކްސްގެ ތެރެއަށް ރިފާގެ ލޯ ހުޅުވުނެވެ.

ކުޑަކުޑަ ރިފާ ބެސްޓް އެތްލީޓް ހޯދުން ވެގެން ދިޔައީ އެދުވަހު ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިގެންދިޔަ ކަމަކަށެވެ. އަދި ކުރިއަށް އޮތް އިންޓަރ ސްކޫލް މުބާރާތުގައި ވާދަކުރުމަށް ލިބުނު ފުރުސަތަކީ ރިފާ ބުނާގޮތުން އޭނާ އެތްލީޓަކަށްވީ އެންމެ ބޮޑު އެއް ސަބަބެވެ. އެފަހަރު އޭނާގެ ނަތީޖާތައް ރަނގަޅުވުމުން އެމުބާރާތަށް ހޮވި މިކަމުގެ ތެރެއަށް ވަދެވެން ފެށުމުން މިކަމަށް ހިތުގައި ލޯބި އުފެދި ދުވުމަށް ތަފާތު ޕެޝަނެއް އުފެދިގެންދިޔަ ކަމަށް އުމުރުން 17 އަހަރުގެ ރިފާ ބުނެ އެވެ.

އޭގެ ފަހުން މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ރިފާ މިހާތަނަށް އެތައް މުބާރާތެއް ފަތަހަކޮށްފައިވާއިރު ސްކޫލް ފެންވަރުގައި ބާއްވާ މުބާރާތްތަކުން އޭނާގެ އުމުރުފުރާއިން އަބަދުވެސް އޭނާއަށް ބެސްޓް އެތްލީޓްވެސް ލިބެ އެވެ. ކުރިން ލިބިފައިވާކަން ނޭނގޭ ހުނަރެއް އުފެދިގެން އައުމުން ކޮންމެ މީހަކު ވެސް އެކަމަށް ޝައުގެއް އުފެދޭނެ އެވެ. އެގޮތަށް ރިފާގެ ނަޒަރު ދުވުމުގެ ތެރެއަށް އައިސް މިކަން ކުރާ ހިތްވި އެވެ.

ރިފާ އަންނަނީ ރަށު ފެންވަރުގައްޔާއި އަތޮޅު އަދި ގައުމީ ފެންވަރުގައި އެހެން އެތްލީޓުންނެކޭ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމުންނެވެ. ގައުމީ ރެކޯޑެއް ވެސް މުގުރާލާފައިވާ ރިފާގެ އެންމެ އުފާވެރި ހަނދާނަކީ 2019 ވަނަ އަހަރު ބޭއްވި ސައުތް އޭޝިއަން ގޭމްސް އެވެ.

ނަތީޖާތައް ރަނގަޅުވެ ސައުތް އޭޝިއަން ގޭމްސްއަށް ދާން ހޮވުނުއިރު ރިފާގެ ސިކުނޑީގައި ދުވަހަކުވެސް ނޭޝަނަލް ރެކޯޑް ހޯލްޑަރެއްގެ ގޮތުގައި ފޮތްތަކުގައި ލިޔެވިގެންދާނެކަމުގެ އެއްވެސް އައިޑިޔާއެއް ލިބިފައެއް ނުވެ އެވެ.އެހެންނަމަވެސް ޕޮއިންޓް 100 މީޓަރު ރިލޭގައި ވާދަކުރި ދިވެހި އަންހެން ގައުމީ ޓީމުގައި ހިމެނި އެޓީމާއެކު ރިފާވަނީ އަންހެން ޕޮއިންޓް 100 މީޓަރު ރިލޭގެ ގައުމީ ރެކޯޑް ހަދާފަ އެވެ. އެއީ 50.16 ނިންމައިގެންނެވެ. ކުރިން ރެކޯޑަކީ 51.32 އެކެވެ.

މީގެ އިތުރުން ގައުމީ ފެންވަރުގައި ރިފާ ވަނީ ޅަ ކުއްޖަކާ ބަލާއިރު ވަރަށް އިމްޕްރެސިވް ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން:

  • 2 ވަނަ ނޭޝަނަލް ގްރޭންޑް ޕްރިކްސް 2019: ލޯންގް ޖަމްޕުން ރިހި މެޑަލް
  • 2 ވަނަ ނޭޝަނަލް ގްރޭންޑް ޕްރިކްސް 2019: 200 މީޓަރ ސްޕްރިންޓުން ލޯ މެޑަލް
  • 2 ވަނަ ނޭޝަނަލް ގްރޭންޑް ޕްރިކްސް 2019: 400 މީޓަރ ސްޕްރިންޓުން ލޯ މެޑަލް

މީގެ އިތުރުން ރިފާ ވަނީ ރަށު ފެންވަރުގައްޔާއި އަތޮޅު އަދި ސްކޫލް ފެންވަރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ. އެންމެ ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކަކީ:

  • 22 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2019: އަންހެން ކުދިންގެ 400 މީޓަރ ރަން މެޑަލް
  • 22 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2019: އަންހެން ކުދިންގެ 200 މީޓަރ ލޯ މެޑަލް
  • 22 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2019: އަންހެން ކުދިންގެ ލޯންގް ޖަމްޕުން ރަން މެޑަލް
  • 22 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2019: ބެސްޓް އެތްލީޓް (17 އަހަރުން ދަށް)
  • ދިރާގު ރޯޑް ރޭސް 2019: ސްކޫލް ކެޓަގަރީން 3 ވަނަ

އެޓޯލް ފެންވަރުގައި ރިފާ ހޯދި ކާމިޔާބީތަކަކީ:

  • 10 ވަނަ މަކިޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް 2017 (އައްޑޫ ސިޓީ): އަންހެން ކުދިންގެ 100 މީޓަރ ރިހި މެޑަލް
  • 10 ވަނަ މަކިޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް 2017 (އައްޑޫ ސިޓީ): އަންހެން ކުދިންގެ 200 މީޓަރ ރަން މެޑަލް
  • 10 ވަނަ މަކިޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް 2017 (އައްޑޫ ސިޓީ): އަންހެން ކުދިންގެ 80 މީޓަރ ރަން މެޑަލް
  • 10 ވަނަ މަކިޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް 2017 (އައްޑޫ ސިޓީ): އަންހެން ކުދިންގެ 4 ޓައިމްސް 400 މީޓަރ ރިލޭ ރަން މެޑަލް
  • 10 ވަނަ މަކިޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް 2017 (އައްޑޫ ސިޓީ): އަންހެން ކުދިންގެ 8 ޓައިމްސް 80 މީޓަރ ރިލޭ ރަން މެޑަލް
  • 10 ވަނަ މަކިޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް 2017 (އައްޑޫ ސިޓީ): ބެސްޓް އެތްލީޓް (13 އަހަރުން ދަށް)

މީގެ އިތުރުންވެސް ރިފާ ވަނީ އެތައް ކާމިޔާބީތަކެއް ހޯދާފަ އެވެ. މަތީގައި ފާހަގަވެގެން އެދިޔައީ އަދި ރިފާގެ ކާމިޔާބީގެ ކުޑަ މިންވަރެކެވެ.

ހިތްވަރާއި މިންނެތް މަސައްކަތުން އަމިއްލަ ކެރިއަރު ބިލްޑްކުރަމުން އަންނަ ރިފާ ދުވާތާ 9 އަހަރުވެގެންދިޔައިރު ވެސް އޭނާގެ އެންމެ ބޮޑު އެއް ސަޕޯޓަކަށްވީ އޭނާގެ ކޯޗު އަލީ ޝަރީފެވެ. 2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ޝަރީފް ސްޕޯޓްސް ތަމްސީލުކުރަމުން އަންނަ ރިފާ ވަނީ އޭނާގެ ކޯޗުގެ އަލީ ޝަރީފްގެ އެހީތެރިކަން ފާހަގަކުރެ އެވެ.

ޝަރީފް ސްޕޯޓްސްގެ ތެރެއިން ނުކުމެގެން އައި ރިފާއަކީ އެ އެކަޑަމީގައި ތަމްރީނުވާ އެތުލީޓެއްގެ އިތުރުން އޭނާގެ ދަށުން ތިބި ކުދިން ތަމްރީނުކުރުމުގައި ވެސް ވަރަށް ޝައުގާއެކު މިހާ ޅަ އުމުރެއްގައި މަސައްކަތްކުރަމުން އަންނަ އެތުލީޓެކެވެ. ގައުމީ އެތްލީޓަކަށް ވުމުގެ އިތުރުން އަމިއްލަ ރަށުގައި ހުރެގެން ތަމްރީނުވަމުން އަދި އެހެން ކުދިން ތަމްރީނުކުރަމުން އަންނަ ރިފާގެ އެންމެ ބޮޑު ޝަކުވާއަކީ އަމިއްލަ ރަށް، ކުޅުދުއްފުށީގައި އެތްލީޓުންނަށް ބޭނުންވާ ވަސީލަތްތައް ނެތް ވާހަކައެވެ. ޓްރެކްގެ ހާލަތު އޮންނަގޮތުން ދުވަން އުނދަގޫވުމުން އަތަށް ތަދުވާކަން ރިފާ ފާހަގަކުރި އެވެ.

ކުޅުދުއްފުށީގައި ސިންތެޓިކް ޓްރެކެއް ގާއިމުކޮށް އެތްލީޓުން ރިކަވާވުމަށް ޖިމް ފަދަ ތަންތަން އަޅާ އަދި މިކަމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ލިބިގެން ދިއުމަކީ ރިފާ ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި އޭނާ ވަނީ ވީހާވެސް އަވަހަކަށް ރަށުގައި މި ފެސިލިޓީސްތައް ގާއިމުކޮށްދިނުމަށް އެދިފަ އެވެ.

ޓްރެއިނިންގެ ތެރެއިން ވެސް އަދި އާންމު ދިރިއުޅުމުގައި ވަރަށް ފްރެންޑްލީކޮށް ފެންނަ ރިފާއަކީ އޭނާގެ އެކުގައި ދުވާ ކުދިންވެސް ފާހަގަކުރާ ގޮތުގައި ވަރަށް ހެލްޕްފުލް އެތުލީޓެކެވެ. އަބަދުވެސް މީހުންނަށް ހެޔޮ ރިފާއަކީ އޭނާގެ ޓްރެކް ފްރެންޑްސްގެ އިތުރުން އޭނާ ދަންނަ އެންމެން ވެސް ވަރަށް ގަޔާވާ ވަރަށް ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަކީ ރިފާގެ އެންމެ ބޮޑު އިންސްޕިރޭޝަނެވެ. ސާއިދަކީ ފިރިހެން ގައުމީ 100 މީޓަރު ސްޕްރިންޓްގެ އަދި މީގެއިތުރުން އެތައް ކެޓަގަރީއަކުން ގައުމީ ރެކޯޑް ހޯލްޑަރެކެވެ. ރިފާގެ އަމާޒަކީ ސާއިދުފަދައިން ގިނަ ރެކޯޑްތަކެއް ހަދާ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރުމެވެ.

ކޮންމެ މީހެއްގެ ވެސް ގިނަ އަމާޒުތަކެއް ހުންނާނެ އެވެ. އެގޮތުން ރިފާ ދެކޭ ހުވަފެންތައް ބައިވަރެވެ. އެގޮތުން ރިފާ ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކުޅިވަރެއް ކުޅޭ ކޮންމެ މީހެއްވެސް ދެކޭނެ ހުވަފެނެކެވެ. ރިފާ ބުނާގޮތުގައި އޭނާގެ އެންމެ ބޮޑު ޑްރީމްއަކީ އިންޓަނޭޝަނަލް މުބާރާތްތަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިނުމެވެ.

ރިފާ ބުނާގޮތުގައި އޭނާ މިހާ ހިސާބަށް އައީވެސް އަދި މިހާރުވެސް މިގޮތުގައި ކުރިއަށް މިދެވެނީ އޭނާގެ ކޯޗާއި ރައްޓެހިންގެ އިތުރުން އާއިލާގެ ވަރަށް ބޮޑު އެހީއެއް ލިބޭތީ އެވެ. އެގޮތުން ރިފާ ވަނީ އޭނާގެ ދައްތަމެންނާއި މައިންބަފައިން ދޭ ސަޕޯޓް ވަރަށް ބޮޑު ކަމަށާއި އެއީ ހަގީގަތުގައި ވަރަށް ބޮޑު އެއްޗެއްކަން ފާހަގަކޮށްފަ އެވެ. އަދި އެކަމާ އުފާވާކަން ރިފާ ބުނެ އެވެ.

ރިފާ ގަބޫލުކުރާ ގޮތުގައި ކާމިޔާބު އެތްލީޓަކަށް ވެވޭނީ ގަދަ ހިތްވަރާއި ނުގުޑާފަދަ އަޒުމަކާއެކު ރެއާ ދުވާލު ބުރަކޮށް މަސައްކަތްކޮށް އިންޓްރަކްޓަރުންނާއި ކޯޗުންގެ ބަސް ގަބޫލުކޮށްގެންނެވެ. މިއީ މިފީލްޑަށް ނުކުންނަން ބޭނުންވާ ކުދިންނަށް ރިފާ ދޭން ބޭނުންވާ އެންމެ ބޮޑު ނަސޭހަތެވެ.

"ކޯޗުންނާއި އިސްޓްރަކްޓަރުންގެ ބަސް އަހާ ޑިސިޕްލިން ހިފަހައްޓާ އެމީހުންދޭ ވޯކްއައުޓްތަކާއި މަސައްކަތްތައް ނިންމުމަކީ ވަރަށް މުހިންމު ކަމެއް." ރިފާ ބުންޏެވެ.

ކާމިޔާބަކީ ގަދައަޅާ މަސައްކަތްކުރުމުން ހާސިލްވާ ކަމެކެވެ. ކޮންމެ ދުވަހަކު ވެސް އެކަމަށް މަސައްކަތްކޮށް ގަވައިދުން ޓްރެއިންކޮށް އަބަދުވެސް އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރުމަކީ ރިފާ ގަބޫލުކުރާ ގޮތެވެ.

"އެހެން ކުޅިވަރުތަކާ ހިލާފަށް އެތްލެޓިކްސްއަކީ ފުރުސަތުތައް ގިނަ ކުޅިވަރެއް. ކޯޗެއްގެ އެހީތެރިކަމާއެކު އެކުއްޖަކު ހިތްވަރުކުރިއްޔާ މީ އެކަނިވެސް ކުރިއަށްދެވިދާނެ ކުޅިވަރެކޭ. ބަރާބަރަށް ޕްރެކްޓިހަށް ގޮސް ކޯޗު ހަވާލުކުރާ ވޯކްއައުޓްތައް ނިންމުމަކީ ވަރަށް މުހިންމުކަމެއް." ރިފާ ބުންޏެވެ.

ރިފާގެ އަމާޒު ހިފާފައި ހުރީ އެތްލީޓެއްގެ ގޮތުގައި ކުރިއަށްގޮސް މިދާއިރާއިން ވާސިލްވެވެން އޮތް އެންމެ އުހަކަށް ވާސިލްވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355