ބަންޑާރަގޯތިތަކާއި އެ ގޯތިތައް އިންވެގެން ހުރި މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަމުގައިވާނަމަ އެ ގޯތިތަކަކީ ސިޓީ ކައުންސިލަށް ނެގޭނެ ގޯތިތަކެއްކަމަށް ކައުންސިލް މެމްބަރު ރިލްވާނު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރިލްވާން މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް އަމިއްލަ އަދި ބަންޑާރަ ގޯތިތަކާއި އެގޯތިތަކާ އިންވެގެން ހުރި މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަމުގެ ޝަކުވާ ލިބި އެތަންތަން ސާފުކުރުމަށް ސިޓީ ކައުންސިލުން އާންމުކޮށް އަންގާފައިވަނިކޮށެވެ.
ބުދަ ދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިލްވާން ވިދާޅުވީ، ނުކުމެ މި ތިބީ މުޅި ރަށް ސާފުކޮށް އަމާން މަގުތަކެއްގެ ގޮތުގައި ބަދަލުކުރުމުގެ މަސައްކަތްކުރުމަށް ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން މިހާރުވާނެ ކުރިން ނުކުރެވިފައިހުރި ގޯތިތައްވެސް ސާފުކުރަން އެންގިފަ. އެ ގޯތިތަކަކީވެސް ސާފުނުކުރާނަމަ ހަމަ ސިޓީ ކައުންސިލަށް ނެގޭނެ ގޯތިތައް. އެކަންވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން." ސިޓީ ކައުންސިލްގެ އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިލްވާން ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ސިޓީއަކީ އަމާން ރީތި ސާފުތާހިރު ސިޓީއަކަށް އަޅުގަނޑުމެންގެ މަސައްކަތުން ބަދަލުކުރާނަން." ރިލްވާން ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައިވެސް ރިލްވާން ވަނީ މި މޭރުމުން ވާހަކަދައްކަވާފަ އެވެ. މަގުތަކާއި ގޯތިތައް ސާފުކުރަން އަންގައި ސިޓީ ކައުންސިލުން މިދިޔަ މަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގައި ގޯތިތެރެއާއި ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ކުނިކަހައި، ވިނަނޮޅާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ޝަރުތުކުރެވިފައިވާ ކަމަށާއި ގޯތި ދޫކުރުމުގައި ކޮށްފައިވާ ޝަރުތުތަކާއި ހިލާފުވާނަމަ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން، ކަމާބެހޭ ސަރުކާރުގެ އިދާރާއަކަށް އެ ގޯތި ވަކިކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.
އެހެންކަމުން އެންގުމާ އެއްގޮތަށް އަމަލުކުރަމުންނުދާ ފަރާތްތަކާ މެދު ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާނެކަމަށްވެސް އިއުލާނުގައިވެ އެވެ.