ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ކުޅުދުއްފުށީ ސިޓީގައި ހުންނަ ކެމްޕަސް ހިންގާނެ މެނޭޖަރަކު ހޯދަން އެ ޔުނިވާސިޓީން އިއުލާނުކޮށްފި އެވެ.
އެ އޮފީހަށް ހޯދާ މޭނޭޖަރުގެ އަސާސީ މުސާރައަކީ 12,687.50 ރުފިޔާއެވެ. އޭގެ އިތުރުން ސަރވިސް އެލަވަންސްގެ ގޮތުގައި 5,437.50 ގެ އިތުރުން ކުރީގެ އިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުސަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެ ކަމަށެވެ.
އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާއާއި ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި 5،000 އިން 7،000 ރުފިޔާ އާ ދެމެދު (މި އެލަވަންސް ހަމަޖައްސާނީ ފުލް-ޓައިމް އިކްއިވެލަންޓް ސްޓޫޑަންޓުންގެ އަދަދަށް ބަލައި ކެމްޕަސް މެނޭޖަރުން އައްޔަންކުރުމުގެ އުސޫލު ގައިވާގޮތުގެ މަތިންނެވެ.) ލިބޭނެ ކަމަށެވެ.
3 އަހަރު ދުވަހުގެ މުއްދަތަށް ހޯދާ މި މެނޭޖަރު މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކެމްޕަސް މެނޭޖަރުކަމުގެ މަޤާމަކީ އެކަޑެމިކް މުވައްޒަފުންގެ ރޭންކުގައިވާ ކޮންމެ ފަރާތަކަށްވެސް އޮތް ފުރުސަތެއް ކަމަށާއި، އިދާރީ މުވައްޒަފުންގެ ތެރެއިން އަދި އާންމުންގެ ތެރެއިން ޑިރެކްޓަރ ލެވެލްގެ ޝަރުތުހަމަވާ ކޮންމެ ފަރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވޭ މަޤާމެކެވެ. ޑިރެކްޓަރު ކަމުގެ ފެންވަރަކީ ދަށްވެގެން މަސައްކަތުގެ ދާއިރާ އިން އެމްއެންކިޔުއެފް ލެވެލް 9 ގެ ފާހެއް (މާސްޓާރސް ޑިގްރީ) އެއް އޮތުމެވެ. ނުވަތަ މަސައްކަތުގެ ދާއިރާ އިން އެމްއެންކިޔުއެފް ލެވެލް 7 ގެ ފާހެއް (ބެޗެލާރސް ޑިގްރީ) އަކަށް ފަހު 4 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުމެވެ. އަދި ޔުނިވާސިޓީގެ މުވައްޒަފެއްނަމަ މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޮނުއްވާނީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހަމައެކަނި އެ އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://tinyurl.com/MNUHR-KC-2021-216 މި އެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ އުސޫލު ޔުނިވާސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.