އަމިއްލަ ފޯނުގެ ބެޓެރީ ހުސްވާތަން ފެނި އެވަގުތު އަތުގައި ޗާޖަރެއް ނެތުމަކީ މިހާރު ވަރަށް ގިނަ ބަޔަކު ހާސްވުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
އެހެންނަމަވެސް އިމޯޝަނަލް ބެޓެރީ ސުމަކަށް ދާއިރުވެސް ބައެއް މީހުންނަށް ރެކާވެސް ނުލަ އެވެ. އެކަމާ މެދު ވިސްނައެއް ނަހަދަ އެވެ. އެހެންނަމަވެސް އެއީ ވެސް ދިރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
އެ މީހެއްގެ އަމިއްލަ ނަފްސާއި ސިކުނޑި ރީޗާޖްކޮށްލާ އިމޯޝަނަލް ބާރންއައުޓެއްގެ ތެރެއަށް ވެއްޓިގެން ދިޔުމުގެ ކުރިން އެކަމާމެދު ވިސްނާ އެކަމަށް ފިޔަވަޅު އެޅުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެކެވެ.
"އިމޯޝަނަލް ބާރންއައުޓް" މި ބަސް އެންމެ ފުރަތަމަ ބޭނުންކުރީ ހާބާރޓް ފްރުޑެންބާރގާ ކިޔާ މީހެކެވެ. އޭނާ މިބަސް އެންމެ ފުރަތަމަ ބޭނުންކުރީ 1974 ވަނަ އަހަރު ނެރުނު ދިރާސާތަކާ ބެހޭ ޕޭޕަރުތަކެއްގަ އެވެ.
އޭނާއަކީ ވެސް ދިރިއުޅުމުގައި ބައިވަރު ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހުނު މީހެކެވެ. އޭގެތެރޭގައި ޖަރުމަނުގައި ކުރިމަތިވި ފިއްތުންތަކުން ރެކެން އެގައުމުން ފިލައިގެން އައިސް އެމެރިކާގައި މުޅިން އާ ދިރިއުޅުމެއް ފެށުން ހިމެނެ އެވެ. އަދި އެކަމުގެ ތެރެއިން މުޅިން އާ ބަހުރުވައެއް ދަސްކުރަން ޖެހި ފެކްޓަރީއެއްގައި މަސައްކަތްކުރަމުން ރޭގަނޑުގެ ވަގުތުތަކުގައި އޭނާ ޑިގްރީ ހާސިލްކުރުމަށް ކިޔެވި ކިޔެވުން ހިމެނެ އެވެ.
އޭނާ ހާމަކުރާ ގޮތުގައި އިމޯޝަނަލް ބާރންއައުޓަކީ އެމީހެއްގެ ޕްރޮފެޝަނަލް ލައިފްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ވަރުބަލިކަމެވެ. އަދި އޭގެ އެކި ބައިތައް ހިމެނޭކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން އެމީހެއްގެ އަމިއްލަ ނަފްސް ސާބިތުކޮށްދިނުމަށް ކުރިމަތިވާ މަޖުބޫރުކަމެވެ.
މިހާރަކަށް އައިސް އަހަރެމެންގެ ތެރެއިން ގިނަ މީހުން އިމޯޝަނަލް ބާރންއައުޓް ސިފަކުރަނީ ހުންނަން ޖެހޭ އަދަދަށް ވުރެ މާ ގިނަ ދުވަސްވަންދެން އަދި ބޭނުންވާ މިންވަރަށްވުރެ މާގިނައިން ކުރިމަތިވާ ސްޓްރެސްގެ ސަބަބުން ދިރިއުޅުމުގެ މައްސަލަތަކާއި ޗެލެންޖުތަކާއި ކުރިމަތިނުލެވޭނެ ކަމަށް ހީވާ ހީވުމެވެ.
މިކަހަލަ ސްޓްރެސްތައް ކުރިމަތިވަނީ އެމީހެއްގެ ދިރިއުޅުމުގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށެވެ. އެއީ މާލީގޮތުން ކަމަށްވެސް ވެދާނެ އެވެ. ނުވަތަ ދިރިއުޅުމުގެ އެކި ގުޅުންތަކުގެ ސަބަބުން ކަމަށްވެސް ވެދާނެ އެވެ. މިސާލަކަށް ބުނާނަމަ އެހެން ގެއަކަށް ބަދަލުވުމާއި ވަޒީފާ ގެއްލުންކަހަލަ ކަންކަމުގެ އިތުރުން އިމްތިހާނުތަކުގެ ސަބަބުން އެކި އުމުރުގެ މީހުންނަށް އެކިކަހަލަ ސްޓްރެސްތަކާއި ކުރިމަތިލާން ޖެހެ އެވެ.
ދިރިއުޅުމުގައި ކުރިމަތިވާ ބޮޑު ކާރިސާއެއްގެ ސަބަބުން ނޫނީ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުންވެސް މިކަހަލަ ކަންކަން މެދުވެރިވާން ދިމާވެ އެވެ.
އިމޯޝަނަލް ބެޓެރީއަށް ނަޒަރު އަޅުވާލުމާއެކު އިމޯޝަނަލީ ބާރންއައުޓްވުމުން އަރައިގަންނާނީ ކިހިނެއްކަން ކޮންމެ މީހަކަށް ވެސް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކި މީހުންނަށް އެކި ކަންކަމުގެ ސަބަބުން މިފަދަ ބޮޑެތި ކަންކަމުން އަރައިގަންނަން ފަސޭހަވެ އެވެ.
އެގޮތުން އެންމެ ފުރަތަމަ މިފާހަގަކޮށްލަނީ އަޑުއެހުމެވެ. އަމިއްލަ ނަފްސަށް ކޮމްޕެޝަނޭޓް ލިސިނާއަކަށްވުން ވަރަށް މުހިންމެވެ. ޖިސްމާނީ ގޮތުން މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ އަހަރެމެންގެ ތެރެއިން ގިނަ މީހުން ބުނާނީ އެކަން އީޒީކޮށް ހަމަޖެހިލައިގެން ނަގާ އެކަމާ ޑީލް ކުރާށެވެ. އަދި އެންމެން ވެސް އުއްމީދުކުރާނީ ވަގުތާއެކު އެމީހުން ރިކަވާވާނެ ކަމަށެވެ.
ހަމައެއާއެކު އިމޯޝަނަލީ ވެސް އެގޮތަށް ވިސްނާ އެކަމާ ޑީލްކުރުން ވަރަށް މުހިންމެވެ. ކޮންމެ ދުވަހަކުވެސް އެމީހަކު އަމިއްލަ ނަފްސާމެދު ބަލާ ހޯދާށެވެ. އިހްސާސްތަކަށް އަޅާލާށެވެ. ވަރުބަލިވެ ރުޅިއައިސް ފޫހިވެފައި ހުރިތޯ ބަލާ އެކަމުގެ ސަބަބުތައް ދެނެގަންނާށެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އެމީހެއްގެ ސިކުނޑީގައި އަދި އަމިއްލަ ނަފްސަށް ވަމުންދާ ކަންތައްތައް ދެނެގަތުމަށް އެދުވަހަކު ހޭދަކުރެވޭ ވަގުތު ވަރަށް ކުޑަ އެވެ. ބައެއް މީހުންގެ ދިރިއުޅުމުގައި އެކަމަށް ވަގުތު ހުސްނުވެ އެވެ. އަދި ހުސްނުކުރާ މީހުން ވެސް އުޅެ އެވެ.
އެހެންކަމުން އަޑުއެހުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެމެރިކާގެ ފިލޯސޮފަރު އަދި ސައިކޮލޮޖިސްޓް އުޖީން ގެންޑްލިން އަހަރެމެންގެ އިހްސާސްކުރެވޭ ހިއްސުތަކަށް ގޮވާލި އެވެ.
ބިރުގަނެ ހާސްވާ ވަގުތުތަކުގައި ބަނޑުގައި ކޮކާ އުދުހޭހެން ހީވާ ހީވުމަކީ މީގެ މިސާލެކެވެ. އަހަރެމެން އިހްސާސްކުރާ ގިނަ ކަންކަމާމެދު ނަޒަރު އަޅުވާލާ ރިފްލެކްޓްކޮށް އެކަމަށް ޓިއުނުކޮށްލަން ވަގުތު ހުސްކުރެވެނީ އަހަރެމެންނަށް ވަރަށްވެސް މަދުންނެވެ.
އެހެން މީހަކު ތިމާ ދެއްކި ވާހަކައެއް ވަރަށް ކަނުލާ އަޑުއަހައިފިނަމަ ކުރެވޭ އިހްސާސްތައް ގިނަ މީހުންނަށް ވަރަށް އުފާވެރިވާނެ އެވެ. އެހެންކަމުން ތިމާގެ އަމިއްލަ ނަފްސަށް ވެސް ރަނގަޅު އަޑުއެހުންތެރިއަކަށް ވާށެވެ.
ކޮންމެ ދުވަހެއްގެ ވަގުތުގެ ތެރެއިން ވެސް ވިއްސަކަށް މިނެޓް ޝެޑިއުލުން ނެގުމަށްފަހު އަމިއްލަ ދިރިއުޅުމުގައި އަދި ތިމާގެ ސިކުނޑީގައި ހިނގާ ކަންކަމާމެދު ޖަޖްނުކޮށް އެކަންކަން އަޑުއަހާލާށެވެ.
މިކަމުން އަރައިގަނެވޭނެ އެހެން ގޮތަކަށް ބަލާއިރު ދިރިއުޅުމުގައި އެންމެ ރަނގަޅަށް ކުރިއަށްދާ ކަންތައްތަކަށް ސަމާލުކަން ދިނުން ހިމެނެ އެވެ. އެގޮތުން އެކަންކަމުން އުފާ ހޯދަން މަސައްކަތްކުރެވިދާނެ އެވެ.
މީގެއިތުރުން އެމީހަކު ކުރާ ހިތްވާ ކަންކަން ކުރުމަކީ ވެސް ސްޓެރެސް ލުއިކޮށްދޭ ކަމެކެވެ. މިސާލަކަށް ކަސްރަތުކުރުމާއި ލަވަކިޔުމާއި ނެށުންފަދަ ކަންކަމެވެ. ވަގުތު ޖެހުމުގެ ކުރިން ރީޗާޖް ކުރާށެވެ. ރެޑް ޒޯނަށް ދާންދެން މަޑުނުކޮށް އަވަހަށް ކަންކަމަށް ސަމާލުކަން ދޭށެވެ.
އެހެންކަމުން އެހެންކަމަކަށް ދޭ އަހަމިއްޔަތުކަން އަމިއްލަ ނަފްސަށް ދިނުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.