twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޖިމަށް މަހަކު 200 ރުފިޔާ، އަހަރަކަށް 2000 ރުފިޔާގެ ފީ އެއް

- ކޮމިއުނީޓީ ސެންޓަރުގެ ޖިމް ހުޅުވުމަށް ދަނީ ތައްޔާރުވަމުން
- އަހަރަކަށް ގަނޑުކޮށް ފީ ދައްކާނަމަ 400 ރުފިޔާގެ ޑިސްކައުންޓެއް

އަބްދުލް ވާހިދު ޙަސަން
Dec 16, 2021
7

ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރުގައި ގާއިމުކޮށްފައިވާ އިންޑޯ ޖިމް އަވަސް މުސްތަގުބަލެއްގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ޖިމް ބޭނުންކުރުމުގެ އުސޫލާއި އެތަނުން ފީ ނެގުމަށް ކަނޑައެޅިފައިވާ އުސޫލުގެ މުހިންމު ނުގުތާތައް ފާހަގަކުރައްވަމުން ބުދަ ދުވަހުގެ ބައްދަލުވުމުގައި ޕްލޭނިންގ ކޮމެޓީގެ މުގައްރަރު، ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ވިހާވެސް އަވަހަކަށް ޖިމް ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ޖިމް ބޭނުންކުރެވޭނީ ރެޖިސްޓްރީކޮށް މެމްބަރޝިޕް ފޯމު ފުރައިގެން ކަމަށެވެ. އެގޮތުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މެމްބަރަކަށް ވެވިދާނެ ކަމަށެވެ. ރެޖިސްޓަރ ފީ އެއްގެ ގޮތުގައި 50 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު މެމްބަރޝިޕް ފޯމު އޮންލައިންކޮށް ފުރިހަމަކުރެވޭނެ ގޮތަށް ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ.

ޖިމްގެ މެމްބަރޝިޕް ފީ ދެ ގޮތަކަށް ދެއްކިދާނެ ކަމަށާއި މަހުން މަހަށް ދައްކާނަމަ މެމްބަރޝިޕް ފީ އަކީ މަހަކު 200 ރުފިޔާ އެވެ. އަދި އަހަރަކަށް ގަނޑުކޮށް ފީ ދައްކާނަމަ ފީ އަކީ އަހަރަކަށް 2000 ރުފިޔާ ކަމަށާއި އަހަރަކަށް ގަނޑުކޮށް ފީ ދައްކާނަމަ 400 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންމެ މަހެއްގެ ދިހައެއްގެ ކުރިން ކައުންސިލް އިދާރާއަށް ފީ ދައްކަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ފައިސާ ބަލައިގަންނާނީ މަހަކު 50 ރުފިޔާގެ ޖޫރިމަނާއަކާއެކު ކަމަށެވެ. މެމްބަރޝިޕް ކެންސަލްކޮށް ނުލާނަމަ ގަވައިދުން ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި މެމްބަރޝިޕް ކާޑު ގެއްލިގެން އާ ކުރެވޭނީ 50 ރުފިޔާގެ ރިޕުލޭސްމެންޓް ފީއަކާއެކު އެވެ.

ޖިމް ހުޅުވިފައި ހުންނާނީ ފަތިހު 05:30 ރޭގަނޑު 12:00 ޖެހުމާ ހަމައަށެވެ. އެހެންނަމަވެސް ކޮންމެ މެމްބަރަކަށްވެސް ޖިމް ބޭނުންކުރަން ލިބޭނީ އެއްގަޑިއިރުގެ ވަގުތުކޮޅެކެވެ.

ވީހާވެސް އަވަހަށް ޖިމް ހުޅުވުމަށް މަސައްކަތްކުރަމުންދާއިރު ކަނޑައެޅިފައިވާ އުސޫލުތަކަށާއި އިރުޝާދުތަކަށް ހުރިހާ މެމްބަރުންވެސް އަމަލުކުރުމަށް ޑެޕިއުޓީ މޭޔަރު އިލްތިމާސްކުރެއްވި އެވެ. އެގޮތުން ތަނުގައި ސާފުތާހިރު ކަމަށާއި އަދި ގިނަ ދުވަހަށް ޖިމް ބޭނުންކުރެވޭނެ ފަދަ ތަނެއްގެ ގޮތުގައި އެތަން ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމަށް ސިޓީ ކައުންސިލުން އެދިލެއްވި އެވެ.

މެމްބަރު އާތިފާ އަލީ ވިދާޅުވީ ޖިމު ހުޅުވިގެންދިޔުމަކީ މުހިންމުކަމެއް ކަމަށާއި އަދި ޖިމް ހުޅުވިގެންދާއިރު އެތަނުގެ ބައެއް ކަންތައްތައް ހުރީ އެންމެ ބޭނުންވާ ފެންވަރަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ޖިމް ހުޅުވުމަށްފަހު ބޭނުންވާ އިތުރު ކަންކަން ކުރާނެ ކަމަށެވެ.

ޖިމް ބޭނުންކުރުމަށް އެއްގަޑިއިރުގެ ވަގުތަކީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ވިދާޅުވެ، މެމްބަރު ރިލްވާން މުހައްމަދު ވަނީ އެ ވަގުތު ދޮޅު ގަޑިއިރަށް އިތުރުކުރަން ހުށަހަޅާފަ އެވެ. އަދި އެ ހުށަހެޅުމަށް މެމްބަރު އާތިފާގެ ތާއީދުވެސް ލިބުނެވެ. އެހެންނަމަވެސް އެ އިސްލާހު ފާސްވެފައިއެއް ނުވެ އެވެ. އެ އިސްލާހަށް ވޯޓް ދެއްވީ ހަމަ އެކަނި އެ ދެ މެމްބަރުންނެވެ.

އެހެން މެމްބަރުން ވިދާޅުވީ، ޖިމްގެ ތަރުހީބަށް ބެލުމަށްފަހު ވަގުތު އިތުރުކުރުން މުހިންމު ކަމަށެވެ. އެ މޭރުމުން ވާހަކަދައްކަވަމުން މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، ޖިމް ބޮޑަށް ބޭނުންކުރާނީ އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތައްކަމަށްވާއިރު އެންމެ ހެނދުނު ވަގުތުގެ އިތުރުން ދެން ޖިމް ބާރު ބޮޑުވާނީ ހަވީރު ހަތަރެއްގެ ފަހުން ކަމަށެވެ.

"އެންމެ ފުރަތަމަ ދޮޅު ގަޑިއިރު ނުލާ، ގަޑިއިރަކު ލާފަ އަންނަ ރިކްއެސްޓްތަކަށް ބަލާފަ އަންދާޒާކޮށްލާފަ ނޫނީ ވަގުތު އިތުރުކޮށްލުން އެހާ ބުއްދިވެރިކަމަށް ނުވެދާނެޔޭ. އެހެން ނޫނިއްޔާ ބައެއް ފަރާތްތަކަށް ފުރުސަތު ގެއްލިދާނެ ކަހަލަ ކަމަކަށް ވެދޭނެ." ރޯޒޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ބަޔަކަށް ފުރުސަތު ލިބޭނެ ކަހަލަ ގޮތަކަށް ކަންކަން ތަރުތީބުކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

ޖިމް ހުޅުވިގެންދިޔުމުން އެތަން ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކަށް ބެލުމަށްފަހު ބައެއް ކަންކަމަށް ބަދަލުގެންނާނެކަމަށް މެމްބަރުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355